ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފި
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައިވާ ކަމަށެވެ.
އަދި ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ޢަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލު މިވަގުތު އޮތް ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށެވެ.
އެހެންކަމުން ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.
މާތްކަލާކޯ! ދުނިޔޭގެ އެންމެބޮޑު ސިޔާސީޕާޓީ އަދާލަތު(މިހާރުންފެށިގެން ވޯޓް ގުނަންފައްޓަވާ)