ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުން ނުކުރަން ނިންމައިފި
ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ މިއަދު އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަނަށްފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ވަކި ގޮތަކަށް އަމަލުކުރުމަށް ދަންނަވާ ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ބައެއް ބަދަލުތައް ގެންނަން ނިންމަވާފައިވާކަމަށެވެ.
އެ ބަދަލުތަކުގެ ތެރޭގައި ބައު އިމާރާތް ބޭނުންކުރުން ހުއްޓާލާ ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދިއުން ހިމެނެއެވެ. އަދި ޝަރީޢަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ހިންގުމާއި ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރާނެެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
ކްރިމިނަލްކޯޓުން މިހާރު ހިންގަމުން ގެންދާ އިމާރާތައް އެ ކޯޓު ބަދަލުކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެކުރިން އެކޯޓް ހިންގަމުން ގެންދިޔައީ ޖަސްޓިސް ބިލްޑިންގައެވެ.