ލިޓަންގެ މަރުގެ މައްސަލަ ހިމެނޭހެއް ނިޒާމްގެ މައްޗައް 3 ދައުވާއެއް ކުރަނީ!
މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ތެޔޮބޯޓެއްގައި މާލެއިން ފުރި ފަހުން ގެއްލުނުކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރި ގދ.ތިނަދޫ، މަނާރު، މުޙައްމަދު ނާޒިމް (45) އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން(35) ގެ މައްސަލައިގައި ހިމެނޭ ނާޒިމްގެ މައްޗަައް ލިޓަން މަރާލި ކަމުގެ ދައުވާ ހިމެނޭހެން 3 ދައުވާއެއް ކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ އެމައްސަލައިގައި ގާނޫނޫލް އުގޫބާތުގެ 110 ވަނަ މާއްދާގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާއާއި އަދި މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ދައުވާ ނާޒިމްގެ މައްޗައް ކުރަން އެބަ ގަސްތުކުރައްވާކަމަށެވެ.
"މަރުގެ މައްސަލައިގައި މި ދައުވާކުރަނީ އޭނާ ދައްކާފައި ހުރި ވާހަކަތަކާއި އަދި މިމައްސަލައިގައި ލިބިފައި ހުރި އެހެން ހެކި ތަކުން މިކަމުގައި މުހައްމަދު ނިޒާމްގެ ބައިވެރިވުން ނުވަތަ މުހައްމަދު ނިޒާމް ކުރި ކަމަކުން މީހަކު މަރުވެފައި އޮތްކަމަށް ގަބޫލު ކުރެވޭތީ އަޅުގަނޑުމެން ކޯޓުގައި ކިޔައިދޭނަން ކޯޓުގައި ދައްކާނަން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިގޮތަށް މި ސާރކަމްޝަލް އެވިޑެންސްއެއްގެ މައްޗައް ދައުވާކޮށް ސާބިތު ކުރެވިފައި ހުރީ" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް ވިދާޅުވި ނާޒިމްގެ މައްޗައް ވައްކަން ކުރުމުގެ ދައުވާ މިކުރަނީ އެ ބޯޓުގައި ދުއްވި ދޯނީގައި ހުރި ފައިސާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި އެކަމާބެހޭ ހެކި ލިބިފައި ހުރި ކަމަށް ގަބޫލު ކުރެވޭތީކަމަށެވެ. އަދި ނާޒިމްގެ މައްޗަށް މަސްތުވާތަކެތީގެ މުއާމަލާތުގެ ދައުވާ ކުރަނީ ހައްޔަރުކުރި ވަގުތު އޭނާގެ އަތުގައި މަސްތުވާތަކެތި ހުރުމުންކަމަށެވެ.
މިމައްސަލައިގައި މަރާލި ލިޓަންގެ ހަށިގަނޑު ފެނިފައިނުވާއިރު ލިޓަން މަރާލި ކަމަށް ބެލެވޭ ދުވަސްވަރު ވ. އަތޮޅު ވެމްޕަރު ފަޅު ތެރެއިން އޮޔާ ދަނިކޮށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެހެންނަމަވެސް އެއީ ލިޓަންގެ ހަށިގަނޑު ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ.