ފްރާންސްގެ ރައީސް ޗައިނާއަށް
ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓުވުމުގައި އެހީތެރިކަމެއް ލިބޭތޯ ބެއްލެވުމަށް، މިއަންނަ އެޕްރީލް މަހުގެ ތެރޭގައި ޗައިނާ އަށް ޒިޔާރަތް ކުރެއްވުމަށް ގަސްދުކުރައްވާ ކަމަށް، ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް މެކްރޯން ވިދާޅުވި ގޮތުގައި ޗައިނާއަކީ ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާއިރު، މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓުވުމުގައި ޗައިނާގެ އެހީތެރިކަން ލިބުމަކީ، ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް ލިބޭ ބާރަކަށް ވާނެ އެވެ. އެހެންކަމުން އެ ކަމުގައި ޗައިނާގެ އެހީތެރިކަން ހޯދުމަށް، ޗައިނާގެ އިސް ވެރިންނާ އެކުގައި ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް ވެސް ރައީސް މެކްރޯން ވިދާޅުވި އެވެ.
ރައީސް މެކްރޯން މި މޭރުމުން ވާހަކަ ދެއްކެވި އިރު ޗައިނާ އިއްޔެ ވަނީ، ހަނގުރާމަ ހުއްޓާލައި ސިޔާސީ ހައްލެއް ހޯދުމާ ބެހޭ ގޮތުން 12 ނުކުތާގެ މައްޗަށް އެކުލެވޭ، ސުލްހަޔާ ބެހޭ ލިޔުމެއް އާންމު ކޮށްފަ އެވެ. މެކްރޯން ވިދާޅުވީ ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ޗައިނާ އިން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
އެހެންކަމުން، އެޕްރީލް މަހުގެ ކުރީ ކޮޅު ޗައިނާ އަށް ވަޑައިގެން ޗައިނާގެ ވެރިންނާ އެކުގައި މަޝްވަރާ ކުރައްވާނެ ކަމަށް މެކްރޯން ވިދާޅުވި އެވެ. އެހެން ނަމަވެސް، މައްސަލަ އަށް ހައްލެއް ހޯދޭނީ، ރަޝިޔާގެ އުދުވާންތައް ހުއްޓާލައި، ރަޝިޔާ ސިފައިން ޔޫކްރޭނުން ބާލައި، ޔޫކްރޭނާއި އެ ގައުމުގެ ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތަށް ވެސް ރަޝިޔާ އިން ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަޝިޔާ އަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޗައިނާ އިން އަހަރެމެންނަށް އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެ. ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އިން ނިއުކްލިއާ ނުވަތަ ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނީ އޭރުން. އަދި ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޝަރުތެއްގެ ގޮތުން، ޔޫކްރޭނަށް ހަމަލާ ދިނުން ވެސް ރަޝިޔާ އިން ހުއްޓައިލަން ޖެހޭނެ،" މެކްރޯން ވިދާޅުވި އެވެ.