އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެމްބަރުން ނެރުނު މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ފިރިހެން މެމްބަރުން މަޖިލިސް ތަޅުމުން ނެރެން ޖެހިއްޖެ ހާލަތެއްގައި މަޖިލީހުގެ އަންހެން އިންޓާނަލް ސެކިއުރިޓީން ލައްވައި އެކަން ނުކުރުމަށް، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. މެމްބަރު ހުށަހެޅުއްވި ގަރާރުގައި ވަނީ މިމަހުގެ 6 ވަނަ ދުވަހު މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ފިރިހެން މެމްބަރުންތަކެއް ތަޅުމުން ނެރެން ޖެހުމުން އެކަން އަންހެން ސެކިއުރިޓީން ލައްވައި ކުރުވި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"..އަދި މިކަމުގެ ސަބަބުން އެ އަންހެން ސެކިއުރިޓީ އޮފިސަރުންނަށް މީޑިއާގައި އެކި ފަރާތްތަކުން ފުރައްސާރަ ކޮށްފައި ވީހިނދު، އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ފަދަ ތަންތާންގައި ހިނގާ ގާނޫނާއި އުސޫލުތަކަށް ބަލާއިރުވެސް، އަންހެނުން ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވަނީ އަންހެން އޮފިސަރުންކަމަށް ވީހިނދު އަދި ފިރިހެނުން ބަލާ ފާސްކޮށް ހައްޔަރު ކުރުމުގައި ހަރަކާތްތެރިވަނީ ފިރިހެން އޮފިސަރުން ކަމަށް ވީހިނދު..." ގަރާރުގައި ބުންޏެވެ.
މެމްބަރު ރޮޒައިނާ ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން ފިރިހެން މެމްބަރުން މަޖިލިސް ތަޅުމުން ނެރޭއިރު ސެކިއުރިޓީންގެ ތެރެއިން ހަމައެކަނި ފިރިހެން އޮފިސަރުން ބޭނުން ކުރުމަށް އެ އިސްލާހުގައި ބުންޏެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ މަޖިލިސް ތަޅުމުން ނެރެން ޖެހިއްޖެ ހާލަތެއްގައި ފިރިހެން ސެކިއުރިޓީން ގައިގައި އަތްލައި ހަދާނަމަ އެކަމާއި ހިތް ހަމަޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އޭނާގެ ފިރިކަލުންވެސް މަޖިލިސް މެމްބަރެއްގެ ގޮތުގައި އިންނެވިއިރު އޭނާ ތަޅުމުން ނެރެން ޖެހިއްޖެ ހާލަތެއްގައި އަންހެން ސެކިއުރިޓީން ފިރިކަލުންގެ ގައިގައި އަތްލާ މަންޒަރު ދެކެން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށްް ރޮޒައިނާ ވިދާޅުވި އެވެ.