މެޑްޓެކާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފި
ކޮވިޑް-19 އާ ގުޅިގެން މެޑްޓެކް ކުންފުންޏަށް ގެނައުމަށް ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ތަފާތު އެކި ކުންފުނިތަކަށް ހަވާލުކޮށްގެން ރާއްޖެއަށް ވެންޓިލޭޓަރުތަކުގެ ގެނައުމަށް ހަވާލުކޮށްފައެވެ.
މިގޮތުން މެޑްޓެކް އާ ހަވާލުކޮށްފައިވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ.
މީގެ ތެރެއިން 18 ވެންޓިލޭޓަރެއް ވަނީ މެއި މަހުގެ 10 ދުވަހު ރާއްޖެ ގެނެސްފައެވެ. އަދި އިތުރު ވެންޓިލޭޓަރުތަކެއް ޖުލައި މަހުގެ ދެވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.
މެޑްޓެކް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ރާއްޖެ ގެނެވުނު 14 ވެންޓިލޭޓަރާއެކު އެ ކުންފުންޏަށް ހަވާލުކޮށްފައިވާ ހުރިހާ ވެންޓިލޭޓަރުތައް ރާއްޖެ ގެނެސް ނިމިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ވެންޓިލޭޓަރުތަކަކީ ވެސް އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި ސްވިޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރުތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ކުންފުނިން ވަނީ ޖުމްލަ 52 ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފައެވެ. އޭގެތެރެއިން ދެ ވެންޓިލޭޓަރެއް ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހާ ހަވާލުކޮށްފައިވާއިރު ބާކީ 50 ވެންޓިލޭޓަރު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ރާއްޖެއަށް ޖުމްލަ 149 ވެންޓިލޭޓަރު ގެނައުމަށް ވަނީ ނިންމާފައެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާ ހަވާލުކުރިއެވެ.