ޚަބަރު

ޝާހިދުގެ ތައުރީފް އިންޑިއާއަށް: ދުނިޔޭގެ ލީޑަރެއްކަން ސާބިތުކޮށްދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ފެންވަރުގައި އިންޑިއާގެ ލީޑަޝިޕް ފާހަގަކޮށްލެވޭ ކަމަށާއި، ނިއު ދިއްލީއިން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ސިޔާސަތަކީ ދުނިޔެއަށް މިސާލެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

Ads by MWSC

އިންޑިއާގައި ކުރިޔަށްދާ ޖީ20ގެެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ވަޑައިގެން އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި އިންޓަރވިއުއެއްގައި އަބްދުﷲ ޝާހިދު ވަނީ އިންޑިއާއަށާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ތައުރީފް ކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއަކީ އާބާދީ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދު ކަމަށާއި ޖީ-20ގެ ޗެއާގެ މަޤާމު އިންޑިއާއިން އަދާކުރަމުންދަނީ އެކަން ދެނެހުރެ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި އިންޑިޔާގެ ލީޑަޝިޕް ފާހަގަކޮށްލެވޭ ކަމަށާއި މިއަދު އެންމެން ވެސް އިންޑިއާ ބަލައިގަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިގޮތުން ޖީ20ގެ ސަމިޓަށް އަވައްޓެރި ޤައުމުތަކުގެ ވަޒީރުންނަށް ދައުވަތު އެރުވުމުން އިންޑިއާއިން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ފެނިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮވިޑް-19 ހާލަތުގައި ވެކްސިން ދިނުމާއި، ބިންހެލުމާއި އެ ނޫން ވެސް ކާރިސާތަކުގައި އިންޑިއާއިން ދޭ އަވަސް އެހީތެރިކަން މުޅި ދުނިޔެއިން ޤަބޫލު ކުރަމުން އަންނަ ކަމަށެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ ލީޑަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!