ކަންފަތަށް އުނގުރި ޖަހައިގެން ނިދުން، ކޮންކަހަލަ ކަމެއް؟
ނިދި މަދުވުން އާންމުވަމުން އަންނައިރު، ގިނަ ގަޑިއިރުތަކެއް ވަންދެން ސްކްރީނަށް ހުށަހެޅުމާއި، ސިއްހަތަށް ނުރަނގަޅު އާދަތަކާއިއި، އެހެނިހެންވެސް ކަންކަމުގެ ސަބަބުން، މަދު ގަޑިއިރުތަކެއް ވަންދެން އަރާމުކޮށް ނިދާލުމަށް ހުރިހާ ވައްތަރެއްގެ އުކުޅުތަކާއި އިރުޝާދުތައް ބޭނުން ކުރެއެވެ. މިފަދަ އެއް އުކުޅަކީ އިއާޕްލަގް ނުވަތަ ކަންފަތަށް ޖަހާ އުނގުރި ބޭނުން ކުރުމެވެ. އެއްވެސް އުނދަގުލެއް ނެތި ހުރިހާ އަޑުތަކެއް ބްލޮކް ކޮށްގެން ނިދުމެވެ.
"އިއާޕްލަގަކީ ނިދާއިރު އަޑު މަޑުކުރުމަށް ނުވަތަ ނައްތާލުމަށް ކަންފަތުގެ އެތެރޭގައި އަޅައިގެން ފަރުމާކޮށްފައިވާ ކުދި ޑިވައިސްތަކެއް،" ސްރީ ބާލާޖީ އެކްޝަން މެޑިކަލް އިންސްޓިޓިއުޓްގެ އީއެންޓީގެ ސީނިއާ ކޮންސަލްޓަންޓް ޑރ ރޯހިތު ބިޝްނޯއީ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ބޭރުފުށުން އަޑުގަދަވުމުގެ ސަބަބުން ނިދުމަށް އުނދަގޫވާ މީހުންނަށް އެހީތެރިވެދޭކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ ބިޝްނޯއީ ވިދާޅުވީ އަޑުގަދަވުމުގެ ސަބަބުން ނިދުމަށް އުނދަގޫވެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ގެއްލުންތަކެއް ލިބިދާނެ ކަމަށާއި އޭގެ ތެރޭގައި ހާސްކަމާއި ވަރުބަލިކަން އިތުރުވުން ހިމެނޭ ކަމަށެވެ. މިގޮތުން ނިދާ ކަންފަތް ޕްލަގްތައް އެތަކެތި ބޭރަށް ނުކުތުމަށް ބްލޮކް ކުރުމަށް ބޭނުންތެރި ވެދާނެއެވެ.
އެކަމަކު، އެތަކެތި ބޭނުންކުރަނީ ކިހިނެއް ހެއްޔެވެ؟ "އެއީ ކަންފަތުގެ ތެރެއަށް ލާ އެއްޗެހި. ފެނާއި ދުން ނުވަތަ ކަންފަތަށް ނުވަންނަ އެއްވެސް އެއްޗަކުން ކަންފަތް ރައްކާތެރި ކުރުމަށް ވެސް އެތަކެތި ބޭނުން ކުރެވިދާނެ" ސީކޭ ބިރްލާ ހޮސްޕިޓަލް، ގުރޫގްރާމްގެ ހެޑް އޮފް ކްރިޓިކަލް ކެއާ އެންޑް ޕަލްމޮނޮލޮޖީ ޑރ ކުލްދީޕް ކުމާރު ގްރޯވަރ ނިދާ އިއާޕްލަގް ބޭނުންކުރުމުން ތިރީގައިވާ ފައިދާތައް ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
އަޑު މަޑުކުރުން – އިއާޕްލަގް އެންމެ އާންމުކޮށް ބޭނުންކުރަނީ ބާރު އަޑުތަކުން ކަންފަތް ރައްކާތެރި ކުރުމަށެވެ. އެއީ ކޮންސެޓް ފަދަ އަޑުގަދަ ތަންތަނުގައި ބޭނުން ކުރެވިދާނެ އެއްޗެއްސެވެ. ކަންފަތް ޕްލަގްތަކުން ތިބާގެ ކަންފަތަށް ހުރިހާ އަޑެއް ވަނުން ހުއްޓުވައެއް ނުދެ އެެވެ. އެތަކެތިން ހަމައެކަނި އަޑު މަޑުކޮށްދެނީއެވެ.
ނިދުން – ބައެއް ކަންފަތް ޕްލަގްތައް ހަދާފައި ހުންނަނީ ނިދާއިރު ކަންފަތުގެ ތެރޭގައި މަޑުކޮށް އޮންނަ ގޮތަށް، އަދި ރޭގަނޑު ގުގުރި ދެމުން ފަދަ ބާރު އަޑުތަކުން ރައްކާތެރިކޮށްދިނުމަށްޓަކައެވެ.
ފެތުމާއި އުދުހުން – ބައެއް ކަންފަތް ޕްލަގްތައް ހަދާފައި ހުންނަނީ ކަންފަތަށް ފެން ނުވަދެވޭ ގޮތަށެވެ. މިއީ ފެތުންތެރިންނާއި ސްކައި ޑައިވަރުންނަށްވެސް ބޭނުންތެރި އެއްޗެކެވެ.
އެހެންނަމަވެސް މިކަމުގެ ސަބަބުން ސުވާލުތަކެއް އުފެދެ އެވެ. މުޅި ރޭ ކަންފަތުގެ ތެރޭގައި އިއާޕްލަގް ޖަހައިގެން ނިދުމަކީ ރައްކާތެރި ކަމެއް ހެއްޔެވެ؟ ޑރ ކާރތިކް ޝަމަންނާ (ކޮންސަލްޓަންޓް އީއެންޓީ، ފޯޓިސް ހޮސްޕިޓަލް، ބެންގަލޫރު) ވިދާޅުވީ ނިދާ އިއާޕްލަގްތަކުގެ ސަބަބުން ކަންފަތުގައި ހުންނަ ވެކްސް އަށް އަސަރުކުރުމާއި، އިންފެކްޝަންގެ ނުރައްކާ (ކޮންމެ ފަހަރަކު ބޭނުންކުރުމަށްފަހު ރަނގަޅަށް ސްޓިރިލައިޒް ނުކުރެވިއްޖެނަމަ)، ކަންފަތް ޕްލަގް ޑިސްޕްލޭސްވުން، ޑިޕެންޑެންސް ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށެވެ. ނިދުމަށް ކަންފަތް ޕްލަގް ޖަހާނަމަ ކަންފަތުގައި ރިއްސުން ފަދަ ކަންކަންވެސް ކުރިމަތިވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމަށް އެއްބަސްވެވަޑައިގެން ޑރ ބިޝްނޯއީ ވިދާޅުވީ ނިދުމަށް އިއާޕްލަގް ބޭނުންކުރުމުން ކުރިމަތިވެދާނެ ބައެއް ނުރައްކާތައް އެބަހުރި ކަމަށެވެ. “މިސާލަކަށް ޕްލަގްތައް ސާފުކޮށް ނުބެހެއްޓިއްޖެނަމަ ކަންފަތުގެ ތެރޭގައި އިންފެކްޝަނެއް އުފެދިދާނެ، އަދި ކަންފަތުގެ ޕްލަގްތައް ކަންފަތުގެ ނާރުގައި ޖަމާވެ، އުނދަގޫ ނުވަތަ އަނިޔާއެއް ލިބިދާނެ. މީގެ އިތުރުން ކަންފަތުގެ ވަކި ހާލަތްތަކެއް ނުވަތަ ނާޒުކުކަމެއް ހުންނަ މީހުންނަށް ކަންފަތް ޕްލަގް އެކަށީގެން ނުވެދާނެ،” ޑރ. ބިޝްނޯއީ ވިދާޅުވިއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ފޯމް އަދި ވެކްސް އިއާޕްލަގް އަކީ ނިދުމަށް ރައްކާތެރި އަދި ފައިދާހުރި އެއްޗެއް ކަމަށް ބެލެވެއެވެ.
"ސިލިކޯން އިއާޕްލަގް އަކީ ނިދުމަށް ރަނގަޅު އެއްޗެއް ނޫން،" ޑރ ޝަމާނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިފަދަ ތަކެތި ބޭނުން ކުރާއިރުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން މުހިންމެވެ. އަދި އަވަސް އަވަހަށް ޕްލަގް ބަދަލު ކުރުމާއި ކަންފަތް ތެތްކޮށް ހުއްޓައި ބޭނުން ނުކުރަންވެސް އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް މިފަދަ ޕްލަގެއް ބޭނުންކުރުން އެދެވިގެން ނުވާކަމަށްވެސް ޑޮކްޓަރުން ލަފާ ދެއެވެ.