މިއީ އަޅުގަނޑުގެ ފައިޓެއް ނޫން، އިތުބާރު ނެތްކަމުގެ މައްސަލައިގައި ކަންބޮޑުވުމެއް ނެތް: ފައްޔާޒު
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ތިރީހަކަށް މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ރައީސް ނަޝީދެވެ.
މިކަމާ ގުޅިގެން ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ ކަން އެނގިވަޑައިގަތީ އިއްޔެ ކަމަށާއި އެވަރުގެ ކަމެއް އޮތް ނަމަ، އޭނާއާ އެކަން ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ގޯސްތަކެއް ހަދާ ނަމަ، އޭނާ އަށް އިޝާރާތެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރާ ކަމަށާއި އެފަދަ އިޝާރާތެއް އޭނާއާ ހަމައަށް އައިސްފައި ނުވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރި މެމްބަރުންގެ އަދަދެއް ވެސް ނުބަލާ ކަމަށާއި އެކި އެކި ބޭފުޅުން ސޮއިކުރި ވާހަކަތަކެއް އަޑު އިވުނު ނަމަވެސް އޭގެއިން އެއްވެސް ބޭފުޅަކަށް ވެސް ނުގުޅުއްވާނެ ކަމަށެވެ.
"މިއީކީ އަޅުގަނޑުގެ ފައިޓެއް ނޫން. އަޅުގަނޑު ކުރަމުންދާ މަސައްކަތް އަޅުގަނޑު ކުރާނަން. އެމްޑީޕީގެ މެމްބަރުން ވިޔަސް އަދި އެހެން މެމްބަރުން ވެސް މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ބަހައްޓަން ނުފެންނަ ކަމަށް، އޭގައި އަޅުގަނޑުގެ މައްސަލައެއް އޮތަސް ނެތަސް މަޖިލީހަށް އެގޮތަށް ފެނިގެން އެ ވޯޓު ލައިފިއްޔާ އެކަން އެ ނިމުނީ. ތަގުދީރުގައި ލިޔެވިފައި އޮންނާނެ މިކަން އޮންނާނެ ގޮތް. އެކަމަކާ މާބޮޑު ކަންބޮޑުވުމެއް ނެތް"
ފައްޔާޒު އިސްމާއިލް
ފައްޔާޒް ވިދާޅުވި ގޮތުގައި އޭނާ އަށް އިނގިލި ދިއްކޮށްފައި، "ނުބެހޭ ކަންތައްތަކާ ބެހޭ" ވާހަކަ ބުނަމުންދާ ބަޔަކު އުޅޭ ކަމަށާއި އެއީ ހަގީގަތެއް ކަމަށެވެ. އަދި ސަރުކާރުގައި ހުރިހާ ހިނދަކު ކަން ކުރާނީ އެގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މަޖިލީހުން އޭނާ ވަކިކުރަން ފާސްކޮށްފިނަމަ އެކަން އެ ނިމުނީ ކަމަށާއި އެ ނޫންނަމަ މިހާރެކޭ އެއްގޮތަށް މަސައްކަތައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.