ބޮލީވުޑް މުނިފޫހިފިލުވުން

އަހަންނާ ޕްރަބާސްގެ ލޯބީގެ ގުޅުމެއް ނެތް: ކްރިތީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކްރިތީ ސެނަން އާއި ޕްރަބާސް

ބާހޫބަލީގެ އެކްޓަރު ޕްރަބާސްއާއި ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ނެތްކަމަށް ބަތަލާ ކްރިތީ ސެނަން ބުނެފިއެވެ.

Ads by MWSC

ކްރިތީގެ ފިލްމު "ބޭޑިޔާ" ގެ ޕްރޮމޯޝަންގެ ތެރެއިން އެފިލްމުގެ އެކްޓަރު ވަރުން ދަވަން ވަނީ ކްރިތީއާއި ޕްރަބާސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ނުސީދާކޮށް ބުނެފައެވެ. އެއާއެކު ހުރިހާ މީޑީއާތަކެއްގައި މިވާހަކަ ދެކެވެން ފެށިއެވެ. ސޯޝަލް މީޑިއާގައިވެސް މިވާހަކަ ވައިރަލްވިއެވެ.

ކްރިތީ ދަނީ ޕްރަބާސް އާއިއެކު ފިލްމު "އަދިޕުރުޝް" ގެ މަސައްކަތް ކުރަމުންނެވެ.

ފިލްމު "ޝެހެޒާދާ" ގެ ޕްރޮމޯޝަންގެ ތެރެއިން ކްރިތީ ވަނީ ޕްރަބާސްއާއިއެކު އޮތް ލޯބީގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އޭނާ ބުނީ އެވާހަކަ އަކީ ވަރުން މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށެވެ. ވަރުން އެހެން ބުނުމުން އެތައް ބައެއްގެ މަރުހަބާގެ މެސެޖުތައްވެސް ލިބުނު ކަމަށާއި އެންމެން ކައިރީގައިވެސް އެއީ ދޮގެއްކަމަށް ބުނަމުން ދިޔަކަމަށް ކްރިތީ ބުންޏެވެ.

ފަހުން ބްރަބާސްވެސް އެކަމާ ސުވާލު ކުރި ކަމަށާއި ވަރުން އެހެން ބުނީ ކީއްވެކަން ހުދު ކްރިތީއަށްވެސް ނޭނގޭކަމަށް އޭނާ ބުންޏެވެ.

ކްރިތީއާ ބޮލީވުޑްގެ އެއްވެސް އެކްޓަރަކާއި ލޯބީގެ ގޮތުން ގުޅުނުކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައެއް ނުވެއެވެ. އިންޑަސްޓްރީއިން ބޭރު މީހަކާއިއެކުވެސް ކްރިތީގެ އެފަދަ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައެއް ނުވެއެވެ.

ފިލްމު "މިމީ" އަށްފަހު ކްރިތީއަށް ދަނީ ގިނަ މަސައްކަތްތަކެއް ލިބެމުންނެވެ. "މިމީ" ގައި ކްރިތީ ކުޅުނު ރޯލަށް އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް ލިބުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!