ޚަބަރު އިޖުތިމާޢީ

"ފަޔަރ ޕްރިވެންޝަން ވީކް 2023" ފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023" ގެ މި އަހަރުގެ ޕްރޮގްރާމް ފަށައިފިއެވެ.

"ފަޔަރ ޕްރިވެންޝަން ވީކް 2023"ގެ ފުރަތަމަ ފުތަރަމަ ޕްރޮގްރާމް މާލޭގެ ރަސްފަންނު ސަރަހައްދުގައި މާރިޗު 12 ވަނަ ދުވަހު ފެށިއިރު، މީގެ އިތުރުން، އާޓިފިޝަލް ބީޗާއި، ވިލިމާލެއާއި، ހުޅުމާލެއާއި، ތިލަފުށީގައި އަދި ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ކަޅުތުއްކަލާ ކޮށި، ކަލާސީނު ކޮށި، އަދި އޭރިއާ ކޮމާންޑްތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މާރިޗު 13 ވަނަ ދުވަހު ހަވީރު 16:15 އިން 18:00 އަށް އާޓިފިޝަލް ބީޗުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާރިޗު 14 ވަނަ ދުވަހު 16:15 އިން 18:00 އަށް ވިލިމާލޭގެ ކަނޑައެޅޭ ސަރަހައްދެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާރިޗު 15 ވަނަ ދުވަހު 16:15 އިން 18:00 އަށް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަޑު 2 ގެ ސަރަޙައްދުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާރިޗު 18 ވަނަ ދުވަހު 16:15 އިން 18:00 އަށް ތިލަފުށީގެ ކަނޑައެޅޭ ސަރަހައްދެއްގައި މި ޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ކަލާސީނު ކޮށީގައާއި، އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ކަޅުތުއްކަލާ ކޮށީގައި ސިފައިންގެ ޢާއިލާތަކުގެ މެންބަރުންނަށް ޚާއްޞަކޮށްގެން މާރިޗު 18 ވަނަ ދުވަހުގެ ރޭ 20:15 އިން 21:45 އަށް ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.  މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!