ވިޔަފާރި

އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފަކު ރިޝްވަތުގެ މުއާމަލާތެއް ހިންގި: އެޗްޑީސީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮޅުވާލައިގެން ބިމެއް ވިއްކާފައި ނޯންނާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން އޮޅުވާލައިގެން ބިމެއް ވިއްކާފައިވާ ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް އެކުންފުނީގެ މުވައްޒަފަކު މަސައްކަތް ކުރާކަން އެނގުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ސަސްޕެންޑު ކޮށްފައި ވާނެ ކަމަށެވެ.

އަދި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާކަމާއި އެ މުވައްޒަފުގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން މައްސަލައިގެ ތަހުގީގުތަކުގެ ތެރެއިން ފާހަގަކުރެވުނު ކަމަށް އެޗްޑީސީން ބުނެ އެވެ. ނަމަވެސް އެ ކުންފުނިން ކުރާ އެއްވެސް މުއާމަލާތެއްގައި މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާ ކުރުމަކީ އެކުންފުނިން ކުރާނެ އަދި ކުރަމުން އަންނަ ކަމެއް ނޫން ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް އާއްމުންނަށް ވެސް އެޗްޑީސީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ބައެއް މީޑިއާތަކުގައި އެ ބިން ވިއްކަން މަސައްކަތްކުރި މުވައްޒަފު އެއް މިލިއަން ރުފިޔާ ނެގި ކަމަށް ބުނާ ވާހަކަ އެޗްޑީސީ އިން ވަނީ ދޮގު ކޮށްފަ އެވެ. އަދި ބުނީ އެ ކުންފުނީގެ އުސޫލުތަކުގެ ތެރެއިން އެއްވެސް ބިމެއް ވިއްކުމުގެ ފުރުސަތު އެ މުވައްޒަފަށް ލިބިފައި ނުވާނެ ކަމަށެވެ. އެޗްޑީސީ އިން ބުނެފައިވާ ގޮތުން އެ ކުންފުނީގެ ބިން ވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވަނީ ހަރުދަނާ އަދި ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށެވެ.

އެޗްޑީސީން ބުނީ އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިއުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓާ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެ ކަމަށާއި އަދި ބިން ވިއްކުމަށް ހުޅުވާ ވެސް ނުލާނެ ކަމަށެވެ.

އެފަދަ އަމަލުތައް ހިންގުމަކީ އެކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!