ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއްގެ އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލްކޮށްފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި އިތުރު ދެ ދަޢުވާއެއް ތާވަލްކޮށްފި އެވެ.
މި ދެ ދަޢުވާ މިހާރު ވަނީ އޮގަސްޓު 16 ވާ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ.
އެ ކޯޓުން ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާ އަކީ ރިޝްވަތް ޤަބޫލުކުރުމުގެ ދަޢުވާ އާއި މަނީލޯންޑްރިންގެ ދަޢުވާއެކެވެ.
މިދައުވާތައް ރައީސް ޔާމީންގެ މައްޗަށް ކުރަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި އަދި އެފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދަޢުވާ އުފުލާފައި ވަނީ، މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައި ވަނިކޮށެވެ.