ޚަބަރު ސިޔާސީ

އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަންދޮރު ނުދަތުން: ޢާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަންދޮރު ނުދަތުން ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް މިހެން ވިދާޅުވީ މި އަހަރުގެ ސްޕޯޓްސް އެވޯޑްސް ހަފްލާގައި ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު ދައްކަވައިފައިވާ ވާހަކައަކަށް ރައްދު ދެއްވަވައި ކުރެއްވި ޓްވީޓެއްގައެވެ.

މަހުލޫފު ވިދާޅުވެފައި ވަނީ، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް، ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށެވެ.

މަހްލޫފް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ނުވަ މުބާރާތް ބާއްވާފައި ވާނެ ކަމަށާއި، މި އަހަރު ވެސް ކުޅިވަރުތައް ބާކީ ނުކޮށް ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އޭޝިއާގެ ސާފިން އެސޯސިއޭޝަނާ ވާހަކަ ދެކެވި، މި އަހަރުގެ ޖުލައި މަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައި ވާކަން މިނިސްޓަރު ވަނީ އިޢުލާން ކުރައްވައިފައެވެ.

މަހުލޫފަށް ރައްދު ދެއްވައި ޢާޒިމް ވިދާޅުވީ، އެއްވެސް ކުޅިވަރެއް ބާކީ ނުކުރުމަކީ، އެއްވެސް ޕްލޭނެއް، ސިޔާސަތެއް، އަދި ވިސްނުމެއްވެސް ނެތުން ކަމަށެވެ.

އަދި ވިދާޅުވީ އެންމެ ގިނަ މީހުން ކުޅޭ، އެންމެ ގިނަ ބަޔަކު ތަރުހީބުދޭ، ރާއްޖޭގައި ކުރިއަށްދެވިދާނެ ފަދަ ކުޅިވަރުތައް ދެނެގަނެ، އެމަގުން ކުރިއަށްދާން އެނގެންވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!