އިސްލާމީ މަރުކަޒުގައި ރޯދައަށް އައު ކާޕެޓު އަޅަނީ

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު)ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅައިފައެވެ.
އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ދެ އަހަރަށްފަހު މިހާރު އައު ކާޕެޓް އަޅަން ފަށާފައިވާއިރު، މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.