ޚަބަރު

ރައީސްގެ މޮޓޯކޭޑް ހުއްޓުވުން، މިނިސްޓަރ މާރިޔާ ވަކިކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުން ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.

Ads by STELCO

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 6 މެންބަރުން ވޯޓު ދެއްވިއިރު އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދީފައިވެއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްކޮށް، ޕީޕީއެމްގެ އިހުތިޖާޖް ހިނގަމުން ދަނިކޮށް އެ މޮޓޯކޭޑް އިހުތިޖާޖްގެ ބައިވެރިންގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. ރައީސްގެ މޮޓޯކޭޑް އެފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދިޔަތާކަށް ވަނުމަކީ ނޭންގި ކުރެވޭނެ ކަމެއްކަމަށް ނުދެކޭކަމަށާއި އެއީ ރޭވިގެން ކުރެވިފައިވާ ކަމެއްކަމަށް ދެކޭކަމަށެވެ.

ރައިސްގެ ސެކިއުރިޓީ ބަލަހައްޓަކީ އެމްއެންޑީއެފްއިންކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވުމުގެ ޒިންމާ ޑިފެންސް މިނިސްޓަރު ނަންގަވަންޖެހޭނެ ކަމަށެވެ. މީގެކުރިން މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ބްރީޗްކޮށް ބޮމެއް ގޮއްވާލިކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ، ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކިކުރަންޖޭފަދަ ސީރިއަށް މައްސަލައެއް ކަމަށެވެ.

މި ކުއްލި މައްސަލައިގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ތަހުގީގު ކުރުމަށް އަދި ޑިފެންސް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!