ލައިފްސްޓައިލް

ދުނިޔެ ނިމެނީ: ހެޔޮ ޢަމަލު ކުރުން ގިނަކުރޭ !

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ކޮންމެ ކަމަކަށް އަދި ކޮންމެ އެއްޗަކަށްވެސް ނިމުމެއް ވާ ފަދައިން މި ވަގުތީ ދުނިޔެ ވެސް ނެތި ފަނާ ވެގެން ދާނެއެވެ. އެގޮތުން ދުނިޔޭގެ ނިމުން ކައިރި ވާ ވަރަކަށް އެކަމުގެ ޢަލާމާތްތައް ދާނީ ފެންނަމުންނެވެ. އެއީ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތަކެވެ.

Ads by MWSC

ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި ދުނިޔެ ނިމުމުގެ ކުދި ޢަލާމާތްތަކުގެ ތެރޭގައި، އެއްޖިންސުން ގުޅުން ހިންގުން، ކާބަފައިންނާއި ބެހޭ ގޮތުން ނުބައި ވާހަކަދެއްކުން، ޣީބަ ބުނުން އާންމު ވުން، ހަށިގަނޑު ނިވާ ނުވާ ފަދަ ހެދުންތައް އެޅުން އާންމުވުން، އުޑުމަތީގައި ތަރިތައް ގިނަވުން، ވާނުވާ ނޭނގި ގެއްލޭ މީހުން އާންމުވުން އަދި އިމާރާތްތައް އުސް ވުން ފަދަ އަލާމާތްތައް ހިމެނެއެވެ. ކުދި ޢަލާމާތްތަކުގެ ތެރޭގައި މި ދެންނެވި ޢަލާމާތްތަކަށް ވުރެން އިތުރު އެތައް އެތައް ޢަލާމާތްތައް ވެސް ހިމެނެއެވެ.

ދުނިޔެ ނިމުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި، މަޙުދީގެފާނު ފާޅުވުން، ދައްޖާލު ފާޅުވުން، އީސާގެ ފާނު ބިމަށް ފައިބާ ވަޑައިގަތުން، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުން، ހުޅަނގު ފަރާތުން އިރު އެރުން، 40 ދުވަސް ވަންދެން ދުންގަނޑެއް ފާޅުވެފައި އޮތުން، ކައުބަތުالله ގެފުޅު ހަލާކުވުން، ކީރިތި ގުރުއާން އެންމެހާ މީސްތަކުންގެ ހިތްތަކުންނާއި މުޅިދުނިޔެއިން ނެތި ދިޔުން، އަދި ހަމަ އެއާއިއެކު ބާރުގަދަ ސަންގު ފުމެލެއްވުމަކުން ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް ފަނާވެ ދިއުން ހިމެނެއެވެ.

އޭ ނިކަމެތި އިންސާނާއެވެ. ކުދި ޢަލާމާތްތައް މިހާރު އަޅުގަނޑުމެންގެ މި މުޖުތަމަޢު އިން ފެންނަމުން ދާކަމީ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. މީގެން ވެސް ދޭހަވަނީ ދުނިޔޭގެ ނިމުން، އެހެނީ ޤިޔާމަތް ދުވަސް އަޅުގަނޑުމެނާ ބައްދަލު ކުރާ ދުވަސް ކިހާ ކައިރިވެފައި ވާ މިންވަރެވެ. ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން ތިމާގެ ހެޔޮ ޢަމަލުތައް ގިނަ ކުރަން މަސައްކަތް ކުރާށެވެ. ދިރިއުޅުމުގެ އަގުހުރި ވަގުތުތައް ހޭދަ ކުރެވޭ ގޮތާ މެދު އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. މިއުޅެވެނީ އެންމެ ރަނގަޅު ގޮތަށް ހެއްޔެވެ؟

މިއަދު މުޖުތަމަޢުގައި އޮރިޔާން ނިވާ ނުވާ ވަރަށް އަންނައުނު ލާ އަންހެން ވެރިން މަދު ހެއްޔެވެ؟ ދެއްކުންތެރިކަން އިންތިހާއެވެ. ޣީބަ ބުނުން ޢާންމު ވެއްޖެއެވެ. އެއްޖިންސުން ގުޅުން ހިންގައިގެން ހައްޔަރު ކުރެވޭ މީހުން މަދެއް ނޫނެވެ. އަދި މިކަން ސިއްރުގައި ކުރާ ކިތައް މީހުން އުޅޭނެ ހެއްޔެވެ؟ މިއަދު އެއްވެސް ކަމެއް ނޭނގުނަސް އެއްވެސް ކަމެއް ވަންހަނާ ނުވާނޭ ދުވަހެއް އެބަ އާދެއެވެ. އެ ދުވަހަށް ބިރުވެތިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله ސުބުޙާނަހޫ ވަތަޢާލާ އެވެ.

ބޮޑެތި ޢަލާމާތްތައް ފެށިދާނެ ދުވަހެއް އަޅުގަނޑުމެން އެކަކަށް ވެސް ނޭނގޭނެއެވެ. އެހެން ނަމަވެސް އެދުވަހުން އެންމެންވެސް އަވަސްވެ ގަންނާނީ ތައުބާވާށެވެ. އެދުވަހުގެ ބިރުވެރިކަން ހިތަށް ތަސައްވަރު ނުކުރެވޭހާ ބިރުވެރިއެވެ. މިއަދު މިދުނިޔޭގައި އަދުލު އިންސާފު ނެތްކަމުގައި ވީ ނަމަވެސް، އެދުވަހަކީ ހުރިހާ ކަމެއްވެސް އެންމެ އިންސާފުން ބެއްލެވޭނެ ދުވަހެވެ.

އޭ މީސްތަކުންނެވެ. ދުނިޔޭގެ ނިމުން ގާތް ވެފައި ވާއިރު، ތިމާއަށް އުޅެވެނީ އެންމެ ރަނގަޅަށްތޯ ތިމާ އަމިއްލައަށް ނިކަން ވިސްނާލަބަލާށެވެ. މާދަމާ ވެސް ތިމާ މަރުވެދާނެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ތިމާ ގެ ޢަމަލުތައް އިޞްލާޙު ކޮށް ހެޔޮ ޢަމަލު ކުރުން ގިނަ ކުރާށެވެ. ދުނިޔޭގައި އަޅުގަނޑުމެން މި ކުރިމަތިލަނީ އިމްތިޙާނަކާއެވެ. ވަގުތީ އުފާ ޙާޞިލު ކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ދާއިމީ އުފަލަށް ޓަކައި ގަދައަޅައި މަސައްކަތް ކުރާށެވެ. ދުނިޔެ ނިމެނީ ކަން ދަންނާށެވެ. ހެޔޮ ޢަމަލު ކުރުން ގިނަ ކުރާށެވެ.

Ads by HDC
  1. ސަމާޢު

    ކީރިތި ރަސޫލާގެ ޙަދީޡް ތަކުންއެއްނޫންތޯ، އަދި އުޑުން ތަރިތައް ފަނޑުވުން ނޫންތޯ؟