އިމްރާން ވިދާޅުވަނީ ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ރައީީސް އަޅުއްވާނެ ކަމަށް

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު، އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޙުސައިން އަމްރު މިއަދު މަޤާމުން ވަކިކޮށްފައި ވަނިކޮށެވެ.
އަމްރު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް، ހިކުމަތްތެރިކަމާ ކެތްތެރިކަން އިސްކުރުން މުހިންމު ކަމަށާއި، ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ރައީސް ޞާލިޙު އަޅުއްވާނެކަން ދަންނަ މީހުންނަށް އެނގޭނެ ކަމަށެވެ.
"ރައީސް ޞާލިޙަށް ރަނގަޅަށް އެނގިވަޑައިގަންނަވާ، ފިޔަވަޅު އެޅުމަކީ ހިތިކަމާ ފޮނިކަން އެކުލެވިގެންވާ އެއްޗެއްކަން."
ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޤާމުން ވަކި ކުރެއްވުމަކީ، ޤާނޫނު އަސާސީގެ 15 ވަނަ މާއްދާއިން ރައީސްއަށް ލިބިދީފައި އޮންނަ ބާރެކެވެ.
ޕީސީބީން މިއަދު ވިދާޅުވީ، އަމްރު އެސްޓީއޯގެ އެމްޑީގެ މަޤާމުން ވަކި ކުރެއްވުމަށްފަހު، ވަގުތީ ގޮތުން އެ މަޤާމު އެސްޓީއޯގެ ސީއެފްއޯ މުޙައްމަދު ނިޒާމްއާ ހަވާލު ކުރައްވައިފައިވާ ކަމަށެވެ.