ޚަބަރު ސިޔާސީ

ވަޒީފާ ދިން މީހާގެ ސިޔާސަތު ކަމުނުދާަމަ، ރަނގަޅީ އިސްތިއުފާ ދިނުން: ޝެއިޚު ޒައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިޔާސީ ވަޒީފާއެއް އަދާކުރާ ފަރާތަކުން އެމީހަކަށް ވަޒީފާ ދިން މީހެއްގެ ސިޔާސަތުތައް ކަމު ނުދާނަމަ އެންމެ ރަނގަޅު ގޮތަކީ އެމީހަކު އެ މަޤާމަކުން އިސްތިއުފާ ދިނުން ކަމުގައި ދީނީ އިލްމުވެރިޔާ ޝެއިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝެއިޚު ޒައިދު މިހެން ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ އެކު ހުންނެވި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެ ކުންފުނިން އިއްޔެ ވަކިކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަމްރު ވަކި ކުރުމާ ދެކޮޅަށް ރައީސް ނަޝީދުގެ ފެކްޝަނުގެ ސަޕޯޓަރުން ފާޑުކިޔަމުން އަންނައިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އަމްރު ވަކި ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ.

އަމްރު ވަކި ކުރުމާ ގުޅިގެން ޝއއިޚު ޒައިދު ވިދާޅުވީ ސިޔާސީ ކޮންމެ ވަޒީފާއަކީވެސް ވަގުތީ ކަމެއްކަމަށެވެ. ސިޔާސީ ވަޒީފާއަކަށް މީހަކު އަންނަނީ އެމީހަކަށް ވަޒީފާދޭ މީހެއްގެ ސިޔާސަތު ބަލައިގެން ކަމަށާއި، އެސިޔާސަތު ކަމު ނުދާނަމަ އެންމެ ރަނގަޅު ގޮތަކީ އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރުމަށް މަޤާމުން އިސްތިއުފާ ދިނުން ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

ޕީސީބީއިން އިއްޔެ ހަވީރު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ވަނީ އަމްރު މަގާމުން ވަކިކުރަން ނިންމައި އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމާ އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެސްޓީއޯގެ އެމްޑީ އައްޔަންކުރަން ރައީސް އޮފީހުން ވަނީ ޕީސީބީއަށް ނަންތަކެއް ފޮނުއްވައިފައެވެ.

އަދި އެ ނަންތައް ދިރާސާކުރުމަށްފަހު ވަރަށް އަވަހަށް އެސްޓީއޯގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސާނެއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!