ޚަބަރު ސަރުކާރު

އިޒްރޭލުގެ ސިފައިން މަސްޖިދުލް އަޤުޞާ އަށް ވަދެގަތުން ރާއްޖެއިން ކުށްވެރި ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިޒްރޭލުގެ ސިފައިން ގަދަބާރުން މަސްޖިދުލް އަޤުޞާ އަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

Ads by MWSC

އިޒްރޭލުގެ ސިފައިން އަންގާރަ ދުވަހު މަސްޖިދުލް އަޤުޞާ އަށް ވަދެ ހިންގި ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހިރާއްޖޭގެ ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުކަން ފާހަގަކޮށް، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ރާއްޖޭގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ސިފައިންގެ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު ޢަމަލުތަކެއްކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ޞުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ޞުލްޙަވެރި ޙައްލެއް ލިބެން އޮތީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ޤާއިމުކުރެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނެއް ޤާއިމުކުރެވިގެންކަން ކަމަށް ވެސް ރާއްޖޭގެ ސަރުކާރުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!