ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ދަނީ މަސްތުވާތަކެތި ބަހަމުން: އެމްއެންޕީ
މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ދަނީ މަސްތުވާތަކެތިވެސް ބަހަމުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ތުހުމަތު ކޮށްފިއެވެ.
އެމްއެންޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ލީޑަރ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވިގޮތުގައި އިންތިހާބާ ދިމާކޮށް ޒުވާނުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން "ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި" ދީ ހަދާފައި ވެސް އެބަ ހުއްޓެވެ.
އެފަދައިން ޒުވާނުން ހަލާކުކޮށްގެން ވޯޓެއް ހޯދުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް ބަހަނީ ކޯއްޗެއްކަން ނާޒިމު ތަފުސީލުކޮށް ބަޔާންނުކުރައްވައެވެ.
މިކަމާއިބެހޭ ގޮތުން ނޫސްވެރިޔައަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ އޭގެ ތެރޭގައި ބަނގުރަލާއި މަސްތުވާތަކެތި ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ސަބަބުތައް ތަފުސީލުކޮށްދެއްވައި ނާޒިމު ވިދާޅުވީ އިންތިޚާބާ ދިމާކޮށް ސަރުކާރުން އަންނަނީ ސަރުކާރުގެ ހުރިހާ ވުޒާރާއެއް ބޭނުންކުރަމުން ކަމަށެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭކަމަށް ނާޒިމް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އެމްއެންޕީގެ ފަރާތުންވެސް ވަނީ ކެންޑިޑޭޓެއް ކެމްޕޭން ވަރަށް ފޯރިއާއެކު ފަށައިފައެވެ.