`
1ޕާކިސްތާނުގެ ވެރިކަން ކުރާ އިއްތިހާދާއި އިދިކޮޅު މައި ޕާޓީން އެގައުމުގައި ގައުމީ އަދި ޕްރޮވިންސް އިންތިހާބު އެއްފަހަރާ ބޭއްވުމާ ގުޅޭ ގޮތުން ބޭއްވި މުހިންމު މަޝްވަރާތައް ނިންމާލައިފި އެވެ.
ވެރިކަން ކުރާ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް) އާއި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އާ ދެމެދު އަންގާރަ ދުވަހުގެ ރޭ ބޭއްވި މަޝްވަރާތައް ނިންމާލީ އިންތިހާބު ބާއްވާ ތާރީހެއްގައި އެއްވެސް އެއްބަސްވުމަކާ ނުލަ އެވެ.
ދެ ފަރާތުން މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިންތިހާބީ ތާރީހެއް ކަނޑައެޅުމަށް އެއްބަސްވުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މިދިޔަ މަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަންގާފައި ވަނިކޮށެވެ.
ޕާކިސްތާނުގައި ތާރީޚީ ގޮތުން ގައުމީ އިންތިހާބާއި ޕްރޮވިންސް އިންތިހާބަކީ އެކުގައި ބާއްވާ އިންތިހާބެކެވެ. އާންމު އިންތިހާބު އޮންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި ޕީޓީއައިއިން ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް މަޖުބޫރުކުރުމުގެ ގޮތުން ޕަންޖާބާއި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ލެޖިސްލޭޓިވް އެސެމްބްލީތައް އުވާލުމަށް ނިންމާފައެވެ.
ގާނޫނު އަސާސީގައި 90 ދުވަހުގެ މުއްދަތެއް ދީފައިވާ ގޮތަށް އެ ދެ ޕްރޮވިންސްގައި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނު ކުރުމާ މެދު ސަރުކާރުން ދެކޮޅު ހެދުމުން، ޕީޓީއައި އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ޕަންޖާބު ޕްރޮވިންސް އިންތިހާބު ބޭއްވުމަށް އަމުރުކޮށްފަ އެވެ.