ރިޕޯޓް

ބިލް ބޮޑުވި ގޮތް އެޕުން ބަލައިލެވޭނެ، އެއީ ސްޓެލްކޯގެ އަތްމަތީގައި އޮތްކަމެއްނޫން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހާއި މެއި މަހަކީ ހޫނު ދުވަސްވަރެކެވެ. ހޫނު މޫސުމުގެ ސަބަބުން ވާރޭ ނުވެހުމާއި އާއްމުކޮށް ހޫނު މިން ހުންނަވަރަށް ވުރެ ހޫނު މިން މައްޗަށް ދިޔުމަކީ އާއްމުކޮށްވެސް ކޮންމެއަހަރަކު މި ދެތިން މަހުގެ ކަރަންޓު ބިލަށް އެކަމުގެ ހޫނުކަން އިހުސާސް ކުރަން ޖެހޭ ދުވަސްވަރެކެވެ.

Ads by STELCO

ހުސްވި އޭޕްރީލް މަހަކީ މިފަހުން އެންމެ ހޫނު ގަދަވި މަހެވެ. އެކަމުގެ ސަބަބުން މާޗުމަހުގެ ފަހު ކޮޅުން ފެށިގެން ހޫނު ގަދަވާނެކަމުގެ އިންޒާރާއެކު ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން ދިޔައީ އާއްމުންނަށް ނަސޭހަތްތެރިވަމުންނެވެ. ކަން ދިމާކުރި ގޮތުން މިއަހަރުގެ ހޫނު މޫސުން ދިމާވީ ރޯދަމަހާއެވެ. ރޯދަމަހަކީވެސް އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު މައްޗައްދާ މަހެއްކަމުން މިމަހުގެ ކަރަންޓު ބިލަށް ބާރުބޮޑުވި އެއްސަބަބަކީ ރޯދަމަހަށް ވުމޭ ބުނުމަކީ ދޮގަކަށް ނުވާނެވެ.

ކަރަންޓު ބޭނުން ކުރި ވަރު ރިކޯޑް މިންވަރަކަށް މައްޗަށް ގޮސް މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަސް ވެގެން ގޮސްފައިވަނީ އެހައިތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުން ކުރި ދުވަހަށެވެ. އެގޮތުން އެދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި ވަރު 92.5 މެގަވޮޓަށް ވުރެ މަތި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. އެއަށް ފަހު އޭޕްރީލް 24 ވަނަ ދުވަހުވެސް މާލެ ސަރަހައްދުގައި ވަނީ ރިކޯޑް މިންވަރަކަށް ކަރަންޓު ބޭނުންކޮށްފައެވެ. އެގޮތުން ސްޓެލްކޯއިން ބުނި ގޮތުގައި އެދުވަހު 14:10ގައި އެ ކުންފުނީގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެއީ ރާއްޖޭގައި ކަރަންޓު ބޭނުންކުރި މިންވަރު އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

މިކަމުގެ އަސަރުތައް މިމަހުގެ ކަރަންޓު ބިލުތައްއައި އިރު ނިކަން ރީތިކޮށް ފެންނަން އޮތެވެ. މިއާއެކު މުޅި ޝޯޝަލް މީޑިއާ ފުރާލީ ބޮޑުވެފައިވާ ކަރަންޓު ބިލްތަކުގެ ފޮޓޯތަކުންނެވެ. އަދި ކަރަންޓު ބިލު ބޮޑުވުމުގެ ސްޓެލްކޯގެ މައްސަލަތައް ހުރި ކަމަށް ބުނެ ތުހުމަތުގެ އިނގިލިތަށް ސްޓެލްކޯއަށް އަމާޒުކުރެވުނެވެ. އެހެންނަމަވެސް އެކުންފުނިންވަނީ އެކުންފުންޏާމެދު ކުރެވުނު ހުރިޙާ ތުހުމަތުތަކެއް ސާފުކޮށްދީފައެވެ.

އެގޮތުން މޫސުމާ ގުޅިގެން ކަރަންޓު ބިލަށް އަންނަ ބަދަލުތައް ފާހަގަކޮށް ސްޓެލްކޯއިން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހާ ހަމައަށް 40 ޕަސެންޓު ގޭބިސީތަކުގެ ބިލު ބޮޑުވީއިރު، ހުސްވި މާޗު މަހު 66 ޕަސެންޓު ގޭބިސީތަކުގެ ބިލު ބޮޑުވިއެވެ. މީގެ ތެރެއިން 20 ޕަސެންޓު ގޭބިސީތަކުގެ ކަރަންޓު ބިލު 500ރ. އާއި 1000ރ. އާ ދޭތެރޭގެ އަދަދަކުން ބޮޑުވިއެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯއިން ދޭ ޔަގީން ކަމަކީ ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކުން ބިލް ނުކުރާނެ ކަމެވެ. މިކަންކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ އިންޖިނިއަރު އިސްމާއީލް ނިޝާރު ވިދާޅުވީ އަމިއްލަ ގޭގައި ހުންނަ މީޓަރަށް އަރާވަރު ކަސްޓަމަރުންނަށް އަމިއްލަ އަށް ބަލައި ލެވޭނެ ކަމަށާއި ސްޓެލްކޯއަށް އެއްވެސް ގޭބިސީއެއްގެ ނުވަތަ އިދާރާއެއްގެ ބިލާ ނުކުޅެވޭނެ ކަމަށެވެ.

ދެން ކުރެވުނު ތުހުމަތު ތަކަކީ ރީޑިން ނުނަގައި ސްޓެލްކޯއިން ބިލް ތައްޔާރު ކުރި ކަމަށް ބުނެ ފެތުރު ވާހަކަތަކެކެވެ. ސްޓެލްކޯއިން ވަނީ މިވާހަތަކަށްވެސް ރައްދު ދެއްވާފައެވެ. މިގޮތުން މިކަމާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމްލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ފެންނަން ހުންނާނެ ކަމަށެވެ. އަދި މީގެ އިތުރުން ސްޓެލްކޯގެ މީޑިއާއިން ބުނިގޮތުގައި އެވަރެޖްކޮށް 1000 އަރާ ގެޔަކަށް 2000 އަރައިފިއްޔާ  އަލުން އެމީޓަރެއް ރީޗެކް ވެސް ކުރާކަމަށާއި އަލުން ރީޑިން ވެސް ނަގައެވެ. އަިދ ކޮންމެ ބިލެއްގައިވެސް އެންމެ ފަހުން ރީޑިން ނެގި ތާރީޚުވެސް ބަލައިލެވެން ހުންނާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

"އެ ހުރިހާ މައުލޫމާތެއްވެސް ބިލުގައި ހިމަނާފަ މި ހުންނަނީ. ރީޑިން ނުނަގައި ބިލް ހެދޭނެ އެއްވެސް ގޮތެއް ނީންނާނެ. އެކަމުގެ ޔަގީންކަން އަރުވަން" ސްޓެލްކޯ މީޑިއާއިން ބުނެފައިވެއެވެ.

ކަރަންޓު ބިލު ބޮޑުވުމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ކަރަންޓާއި ހަކަތައާ ބެހޭ ހުރިހާ އިދާރާއަކުން ވެސް ފާހަގަކޮށްފައިވަނީ ބޭކާރު ގޮތުގައި ބޭނުން ކުރާ ކަރަންޓުގެ މިންވަރު ދަށް ކުރުމެވެ. އެގޮތުން، އޭސީ 16ގައި ބެހެއްޓުމުގެ ބަދަލުގައި 25 ގައު ބެހެއްޓުމާއި ބޭނުންކޮށް ނިމުމުން ސްވިޗުތައް އޮފް ކުރުމާއި އޭސީ ކޮށްފައި ހުންނަ ކޮޓަރިތަކުގެ ކުޑަ ދޮރުތައް ހުޅުވާފައި ނުބެހެއްޓުން ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!