ކޮވިޑް ފެސިލިޓީތަކުގައި ސިއްހީ އާލާތްތައް ހަރުކޮށް ނިންމާލައިފި

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކޮށްފައިވާ ފެސިލިޓީތަކުގައި ސިއްހީ އާލާތްތައް ހަރުކޮށް ނިންމާލައިފިއެވެ.
މި އާލާތްތައް ހަރު ކޮށްފައި ވަނީ އެސްޓީއޯގެ ފަރާތުންނެވެ. އެސްޓީއޯ އިން ބުނީ އެ މަސައްކަތަކީ ކޮވިޑާ ދެކޮޅަށް އެ ކުންފުނިން ކުރި މަސައްކަތުގެ މުހިއްމު އެއް ބައި ކަމަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ފުވައްމުލަކު ސިޓީގައި ވެސް ކޮވިޑް ފެސިލިޓީތަކެއް ގާއިމް ކޮށްފައިވާއިރު ލ. ގަމާއި ގއ. ވިލިނގިލި، ބ. އޭދަފުށި، ށ. ފޮނަދޫ އަދި ހއ. އިހަވަންދޫގައި ވެސް އެ ފެސިލިޓީތައް ވަނީ ގާއިމްކޮށްފައެވެ.
މި ފެސިލިޓީތަކުގެ ތެރެއިން ގިނަ ފެސިލިޓީތަކުގައި ހިދުމަތް މިހާރު ވަނީ ދޭން ފަށާފައެވެ. އެސްޓީއޯ އަކީ ކޮވިޑާ ގުޅިގެން ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މިކަމަށް ކުރަމުން ގެންދާ ސަރުކާރު ކުންފުންޏެވެ.