ދުނިޔެ

ހަތިޔާރު އެޅި ހަނގުރާމަވެރިންނާ އެކު ޕާކިސްތާނު ސިފައިން ނުރައްކާތެރި ކުރިމަތިލުމެއްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ޕާކިސްތާންގެ ތާލިބާނުންގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ހަ ސިފައިން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިސްޓުންނާއި ޕާކިސްތާނުގެ ސިފައިންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވެފައިވާ ކަމަށެވެ. ޕާކިސްތާނުގެ ހަ ސިފައިން މަރުވެފައިވާއިރު، ތާލިބާނުންގެ ހަތަރު ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.

ޕާކިސްތާންގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ސަރަހައްދު ބަލައި، ހަމަލާދިން މީހުން ފޮރުވައިގެން ތިބިތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ސިފައިން ޝަހީދުވުމުން ހިތާމަ ފާޅުކުރައްވާފައެވެ.

"މި މަތިވެރި ގުރުބާނީއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކަލުން ޕާކިސްތަން ސަލާމަތްކުރުމަށް ޓަކައި އަޅުގަނޑުމެން ދެމިތިބޭ ގައުމީ އަޒުމް ދައްކުވައިދޭ ކަމެއް. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި، މަރުވި މީހުންގެ ފުރާނައަށް ހެޔޮ ދުއާ ދަންނަވަން،" ޝަރީފް ގެ ޓްވީޓްގައި ވެއެވެ.

މި ލޭ އޮހޮރުވުން ހިނގާފައި މިވަނީ މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާންގެ މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ޕާކިސްތާނުން ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން އިއުލާންކޮށްފައިވަނިކޮށެވެ.

ފާއިތުވި ހަފުތާތަކުގައި އަފްޣާނިސްތާނުގެ ބޯޑަރު އޮންނަ ފަރުބަދަމަތީ ސަރަޙައްދުގައި ހަނގުރާމަވެރިން ތިބޭ ތަންތަނަށް ޕާކިސްތާންގެ އަސްކަރިއްޔާއިން ދިން ގިނަ އޮޕަރޭޝަންތަކުގައި އެތައް ހަނގުރާމަވެރިންނެއް މަރާލައި ހައްޔަރުކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!