ކުޑަކުދިންގެ ޙައްޤުތައް ފުރިހަމައަށް ހޯދައިދިނުމަށް ދުންޔާ ގޮވައިލައްވައިފި

ޤައުމުގެ ކުރިމަގަށްޓަކައި ކުޑަ ކުދިންގެ މުހިންމުކަން ފާހަގަކުރައްވައި، ކުޑަކުދިންގެ ޙައްޤުތައް ފުރިހަމައަށް ހޯދައިދިނުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސަރުކާރަށް ގޮވައިލައްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް، މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަ ކުރަނީ، ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.
އިއްޔެ ފާހަގަކުރި މި ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ދުންޔާ ވިދާޅުވީ ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގު ކަމަށެވެ. އަދި އެ ކުދިންނަކީ ޤައުމުގެ އުއްމީދު ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކި އެކި ގޯނާތަކުންނާއި އަނިޔާތަކުން ކުޑަކުދިން ރައްކާތެރިކޮށް އެ ކުދިންގެ ހައްގު ފުރިހަމައަށް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ކުޑަކުދިންގެ އާބާދީއަކީ 121،634އެވެ. އެއީ މުޅި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތަ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ބުނެފައެވެ.
ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މީގެ ތެރެއިން ވެސް އެންމެ ބޮޑަށް އިތުރު ވެފައިވަނީ، ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ.

Ads by Sosun Fihaara