ފާފައަކީ އެކަމުގެ ނަތީޖާ އެކަންކުރާ މީހާއަށާއި މުޅި މުޖްތަމަޢަށް ކުރާނެ ކަމެއް: ޚުތުބާ
ފާފައަކީ އެކަމުގެ ނަތީޖާ އެކަންކުރާ މީހާއަށާއި މުޅި މުޖްތަމަޢަށް ކުރިމަތި ކުރުވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ފާފައިގެ އަސަރު" މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ މާތްﷲ އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. އަދި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށާއި އޭގެ ސުންޕާކަން އެކަން ކުރާ މީހާއަށާއި މުޅި މުޖްތަމަޢަށް ކުރިމަތި ކުރުވާ އެއްޗެއް ކަމަށެވެ.
އަދި ބައެއް ފާފަތަކަށް ދުނިޔެމަތީގައިވެސް އަޒާބު ލިބޭނެ ކަމަށާއި ދުނިޔެމަތީގައި ފެތުރެމުންދާ މުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާ މެދު ވިސްނާލައިިފި ނަމަ އޭގެ އެންމެ މުރައްކާތެރި އެއް ބާވަތަކީ ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަަބަބުން ޖެހޭ ބަލިތައް ކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން އެފަދަ ބަލިމަޑުކަން ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން ކަމަށާއި އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނި ބޭރުގައި ހިންގޭ ބަދު އަހުލާގީ އަމަލުތަކުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އަަހަރެމެންގެ ތެރެއިން ބައެއް މީހުން ފާފައާއި މެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި ދުންޔަވީ މަންފާއަށްޓަކައި ފާފައެއް ކުރުމަށް ޖެހިލުން ނުވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭ ކުރުމާއި, ވައްކަން ކުރުމާއި, ރިބާ ކެއުމާއި, ޖުވާ ކުޅުމާއި, މީހުން މެރުމާއި, ސިހުރު ހެދުމާއި, ނެތި މޮށުމާއި, ފުރައްސާރަ ކުރުމާއި މަލާމަތް ކުރުމާއި އިއްފަތްތެރިކަން ފޭރުންފަދަ ކަންކަމަށް އެއްވެސް ބިރެއް ނެތީ މީހުން އަރައިގަންނަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.