މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކާއިއެކުވެސް ނަތީޖާ ނެރެވޭކަމަށް ޤަބޫލު ކުރައްވާކަމަށް މާލެސިޓީ ގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޗެނަލް 13 ގެ "ނިއުސް ޓޯކް" ގައި ބައިވެރިވެ ވަޑައިގެން ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޭޔަރ މުއިއްޒު ވިދާޅުވީ މެއި މަހުގެ 17 ވަނަ ދުވަހު ހަތަރުވަނަ ދައުރުގެ ކައުންސިލަށް 2 އަހަރު ފުރިގެންދާއިރު މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގިނަ ކަންކަން ފެށިފައިވާ ކަމާއި، އެހެންނަމަވެސް ބައެއް މުހިންމު ކަންކަން ނުނިމިފައިވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ
މޭޔަރ މުޢިއްޒު ވިދާޅުވީ ސަރުކާރުން ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް މާލެސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކައުންސިލުން އިތުރު ގޮތްތައް ހޯދައިގެން އަމާޒަށް ވާސިލް ވުމަށްޓަކާ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ކައުންސިލަށް ލިބެމުންދާ ކަމަށާއި، ޚިދުމަތްދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ނުބައްލަވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން އެދޭ ކުދިކުދި ކަންތައްތައް ކޮށްދެމުންދާ ކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ މާލެސިޓީގެ ރައްޔިތުން އެދޭ ބޮޑެތި ކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށެވެ. އަދި ސަރުކާރުން އެއްބާރުލުން ނުދިންކަމަށް ވިޔަސް ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި މާލެސިޓީ ކައުންސިލުން އެއްބާރުލުން ދެމުންދާކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރާއި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލެއް ކަމުން ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
ތިޔައީ ނޫސް ކައުންސިލެވެ. ކުރާހާވެސް ކަމަކީ ކޮންމެ ދުވަހަކު ދެތިން ނޫސް ބަޔާން ނެރުމެވެ. ތިޔައީ ކަމެއް ނުކޮށް ނޫހުގައި ހިންގާ ކައުންސިލެކެވެ. އަދި މިއަދު ތިން ނޫސްބަޔާން ނެރޭނެއެވެ. ނޫސްތައް ފުރާލަން ތިޔަ ކައުންސިލް ވަރެއް ނޯންނާނެއެވެ.