ޚަބަރު

މުސީބާތެއްގެ ވަގުތުގައި ވެސް ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހެލްތު މިނިސްޓްރީން ކުރީ ވައްކަން: އުޝާމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ބޮޑު މުސީބާތުގެ ވަގުތުގައި ވެސް ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހެލްތު މިނިސްޓްރީން ކުރީ ވައްކަން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެ ރިޕޯޓްތަކުން ޔަގީންވާ ކަމަކީ ބޮޑު މުސީބާތެއް ކުރިމަތިވެފައި އޮތް ވަގުތު ވެސް ވެންޓިލޭޓަރުތައް ގެނައުމުގެ ނަމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ވައްކަންތަކެއް ކޮށް މިހުރިހާ ދުވަހު ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދަމުން ދިޔަކަން ކަމަށެވެ.

ކޮވިޑާއި ގުޅިގެން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އަދި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހެލްތު މިނިސްޓްރީން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި މިގޮތަށް ބުނިއިރު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ކުންފުންޏާއި މި ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތީން ކަމަށް ބުނެފައެވެ.

މީގެއިތުރުން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އެކަމަށް އެދި ހުށަހެޅި ދިވެހި ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!