ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދީފި
އެމްޑީޕީ ތެރޭގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދީފިއެވެ.
ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ އާދިއްތަ ދުވަހުއެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައިވެއެވެ. އަދި އެ ހުއްދަ އެ ޕާޓީ އުފެއްދެވުމުގައި އުޅުއްވާ ބޭފުޅުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު މެންދުރު ބާއްވާނެއެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ހުށަހެޅި އިރު އެ ފެކްޝަނުން ވަނީ އަންނަ ސެޕްޓެމަބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ވެސް ނިންމައިފައެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުالله ވިދާޅުވީ ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނީ ޑިމޮކްރެޓިކް އުސޫލުން، އެކަންކަން ކުރަން އޮންނަ ގޮތަށް ކަމަށެވެ. އަދި އެބޭފުޅުންނަކީ ދިވެހި ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ދަރިވަރުން ކަމަށާއި އެބޭފުޅުން އަމަލުކުރައްވާނީ ވެސް ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުގެ ދަށުންކަމަށް އީވާ ވިދާޅުވިއެވެ.
މި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ.
އާޒިމް ޕާޓީން ވަކިކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމުންނެވެ. މިކަމާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މެމްބަރުންނާ މެދު ޕާޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށެވެ.