ޚަބަރު

ވެންޓިލޭޓަރު ގަތުމުގައި މިނިސްޓަރު އަމީރުވެސް ޖަރީމާ ހިންގާފައިވޭ، ތަހުގީގު ކުރަން ޖެހޭ: ޝިޔާމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޚަރަދު ކުރި ގޮތާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓަށް ބަލާއިރު ވެންޓިލޭޓަރު ގަތުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ޖަރީމާ ހިންގާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓެއް އާންމުކޮށްފަ އެވެ.

އެ ރިޕޯޓްތަކުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ފަރާތްތަކުން އަމުލުކޮށްފައިވާކަން އެނގެއެވެ.

އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފެންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީގެ މައްސަލަ އެކަނި ނޫން ކަމަށާއި މާލިއްޔަތު ޤާނޫނާ ޚިލާފަށް ވެންޓިލޭޓަރުތަކުގެ އަގުގެ 90 ޕަސެންޓު ދިނުމަކީ މިނިސްޓަރު އަމީރު ހިންގަވާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެ މައްސަލަވެސް ތަހުގީގުކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހެލްތު މިނިސްޓްރީން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި މިގޮތަށް ބުނިއިރު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ކުންފުންޏާއި މި ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތީން ކަމަށް ބުނެފައެވެ.

މީގެއިތުރުން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އެކަމަށް އެދި ހުށަހެޅި ދިވެހި ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!