ޚަބަރު ސިޔާސީ

ޑިމޮކްރެޓްްސްއާ ގުޅޭ މީހުން ހުއްޓުވަން އުޅޭކަމަށް ތުހުމަތު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރާ އެއްގޮތަށް އުފައްދާ އައު ޕާޓީ "ދަ ޑިމޮކްރަޓްސް" އަށް ސޮއި ކުރަމުންދާ މެންބަރުން ވަޒީފާއިން ވަކި ކުރަނީ ފިނޑި ކަމުން ކަމަށާއި، އެއީ ޑިމޮކްރަޓްސް އަަށް އޮތް ތާއީދު ފެނި އެ ޕާޓީއަށް ފާޅުގައި ތާއީދު ކުރުން ހުއްޓުވުމުގެ ނިޔަތުގައި ހިންގަމުންދާ ޢަމަލެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

"ދަ ޑިމޮކްރެޓްސް"އިން ނެރުނު ބަޔާނެއްގައި މިހެން ބުނީ، ވަކި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރާ ތިން މީހަކު، އިއްޔެ މަޤާމުން ވަކި ކުރުމުންނެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން ވަޒީފާއިން ވަކިކުރަމުން ދަނީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަދަދު ނުކުރެވޭހާ ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުން ކަމަށެވެ.

އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ސަރުކާރުގައި ހިދުމަތް ކުރުމުގެ ފުރުސަތު ގެއްލުވާލުމަކީ ގައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއް ކަމަށްވެސް އެބަޔާނުގައިވެއެވެ.

މީގެ އިތުރުންވެސް ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މައި ކޯލިޝަންގެ އެއްވެސް ޕާޓްނަރެއްގެ ތާއީދު ނެތްކަން ފާހަގަކޮށް އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ، ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ނުކުންނެވި ނަމަވެސް އެ ޕާޓީތަކުގައި ތިބި އެއްވެސް މެންބަރަކަށް އިންޒާރުދީ މަޤާމުން ވަކިކޮށްފައި ނުވާ ކަމަށެވެ.

އަދި މިއީ "ޑިމޮކްރަޓްސް" އަަށް އޮތް ތާއީދު ފެނި އެ ޕާޓީއަށް ފާޅުގައި ތާއީދު ކުރުން ހުއްޓުވުމުގެ ނިޔަތުގައި ހިންގަމުންދާ ޢަމަލެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އެއީ މިސަރުކާރުގެ އަނިޔާވެރި ކަމާއި ތަފާތުކުރުން އިންތިހާއަށް ދައްކުވާދޭ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތައް ވަކި ކުރަމުން އަންނައިރު، މިހައިތަނަށް އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުޙައްމަދު އަންސާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުޙައްމަދު ޙަމްދާން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ޢާޝިޔަތު އަލައިކާ އަދުނާން ވަނީ މަޤާމުން ވަކިކޮށްފައެވެ.

 

 

Ads by Allied Insurance
  1. ޢަބްދު

    ސިޔާސީ މީހުން އެއީ ވަޒީފާގެ ޒާތް
    .