ޚަބަރު ސިޔާސީ

ރާއްޖެއިން ދޫކޮށްލި ބައި ގަންނަން އުޅެފައިވީ ބަޔަކު ހޯދަންޖެހޭ: ނަޝީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ފޯޅަވައްސާއި ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޫކޮށްލާފައިވާތީ އެބައި ހޯދަން އުޅެފައިވީ ބަޔަކު ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޒަމާނުއްސުރެއް ރާއްޖޭގެ ބައެއް ކަމަށް ދައުވާ ކުރަމުން އައި ބައެއް ދާދި ފަހުން ވަނީ ދިވެހި ސަރުކާރުން މޮރިޝަސްއަށް ދޫކޮށްލައިފަ އެވެ. މިކަމާއި ގުޅިގެން ސިޔާސީ ހަލަބޮލިކަމެއް ވަނީ އުފެދިފަ އެވެ. ރައީސް ނަޝީދުވެސް ގެންދަވަނީ މިމައްސަލައިގައި ސަރުކާރާއި ދެކޮޅަށް ބަސް ބުނަމުންނެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ފުރަތަމަ އުފެއްދެވީ ސުވާލުތަކެކެވެ.

"ރާއްޖެއިން ގެއްލުނު ސަރަހައްދުގަ ދާ އަޅާ ބޯޓު ފަހަރުގެ ވެރިން ރާއްޖެ އައިތޯ؟ އަދި ބައްދަލުކުރީ ކާކާތޯ؟" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވިދާޅުވީ މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވައްސަށް އޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެއްބަސްވެވަޑައިގަތުމުން ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭކަން އިނގޭނެ ކަމަށެވެ. އަދި އެބައި ގަތުމަށް އުޅެފައިވާ ބަޔަކު ހޯދަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ފޯޅަވަހި މައްސަލައިގައި ސަރުކާރާއި ދެކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އިންތިހާދެއް ހަދައިފަ އެވެ. ޕީޕީއެމް، ޕީއެންސީ، އެމްއެންޕީގެ އިތުރުން އުމަރު ނަސީރާއި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން މި އިއްތިހާދުގައި ބައިވެރިވެ އެވެ. މި އިއްތިހާދުން ބާއްވާ ބޮޑު ޖަލްސާއެއް މިރޭ މާލޭގައި އޮންނާނެ އެވެ.

އިދިކޮޅު އިއްތިހާދުން ދެކޭ ގޮތުގައި ރައީސް ޞާލިހު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލައިފަ އެވެ. މި ސަރުކާރު ބަދަލުމުން އެބައި ރާއްޖެއަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެކަމަށް އިއްތިހާދުން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!