ރިޕޯޓް ދީން

ކުއްލި މަރުތައް ގިނަވުން, ވިސްނާލުން މުހިންމެ ކަމެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން
އިސްވެ ކަށުނަމާދު ކުރަނީ ވެސް މުނައްވަރު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މި ދުނިޔެއަކީ ފަނާވުމެއްނެތި ދާއިމަށް ދެމިގެންވާތަނެއް ނޫނެވެ. މިތަނުގައި ހެޔޮޢަމަލުތައް ގިނަކޮށްފި މީހާއަށްވާނީ ކާމިޔާބުގެ ފަލާޙެވެ. ނުބައި ޢަމަލުތައް ގިނަކޮށްފި މީހާއަށް ލިބޭނީ ގެއްލުމާއި ހަލާކެވެ. އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ހަޤީޤަތަކީ މަރަކީ ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުވަހެއް ކަމެވެ. 

Ads by Sosun Fihaara

ކުއްލި މަރުތައް ގިނަވުމަކީ އިންތިޒާރެއްކަން ހަނދާންނައްތާ ނުލާށެވެ. މިއީ ޤިޔާމަތްވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޒުވާން ކަމުގެ ދުވަސްތައް ހަވާނަފްސުގެ ތެރެއަށް ދޫކޮށްނުލާށެވެ. ކުއްލި މަރުތައް އާދަޔާ ހިލާފަށް ގިނަވެފައިވާ މި ދަނޑިވަޅުގައި މަރަށް ތައްޔާރުވެ ހުރުން ބުއްދިވެރިއެވެ. ތައުބާވެ ހެޔޮޢަމަލު ކުރުން މަތީ ދެމިހުންނާށެވެ.

އަބަދުވެސް ވިސްނާށެވެ. މަރަކީ ދިގު ދަތުރެއްގެ ފެށުމެވެ. އެއީ އުޚްރަވީ ޙަޔާތުގެ ފުރަތަމަ ފިޔަވައްސެވެ. މަރުވުމުން ފަށާ ދަތުރުގެ ރައްކާތެރިކަން އޮތީ އެ ދަތުރަށްޓަކައި ތިމާ ދުނިޔޭގައި ހުރެ ރައްކާތެރިވީ ވަރަކުން ކަން ހަނދާން ބަހައްޓާށެވެ. 

މަރު މަތިން ހަނދާންކުރުންމަތީ ދެމިހުންނަ މީހާގެ ޢަމަލުތައް އިޞްލާޙުވެއެވެ. އަދި ފާފަތަކުން ދުރުހެލިވެއެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ނުދާނެއެވެ. ގިނަމީހުންނަށް ދުނިޔެވީ ޒީނަތްތެރިކަން ފެނިފައި، މަރު މަތިން ހަނދާން ނެތެއެވެ. ދިރިހުރުމުގެ ކުރިއަށް މަރު އިސްކުރަން ޖެހެއެވެ. ހަޤީޤަތަކީ ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެކަމެވެ.

ލޯބިވާ މީހުންނާއި، އާއިލާ މީހުންނާއި، ރައްޓެހިންނަށް އަބަދުވެސް ގުޅުން ބާއްވާށެވެ. މީހެއްގެ އަޖަލު ޖެހޭނެ ދުވަހެއް ނޭނގޭނެއެވެ. ޒުވާނެއް މުސްކުޅިއެއް ކުޑަކުއްޖެއް ފަރަގު ކުރުމެއް ނެތި ގާތް އެތައް ބަޔަކު އެދަނީ މަރުވަމުންނެވެ. ނިކަމެތި އާރެއް ބާރެއް ނެތް މީހެއް ކަމުގައި ވިޔަސް މުއްސަންޖެއް ނުވަތަ ފަޤީރެއް ކަމުގައި ވިޔަސް މަރު އައިސް ޖެހޭނެއެވެ. 

ކޮންމެ ކަމެއްވެސް ވާންއޮތް އެންމެ ފުރިހަމައަށް ވުމަށްފަހު އަންނާނީ އުނިވުމުގެ ދައުރެވެ. އެއްވެސް މަހްލޫޤަކަށް މަރުން ސަލާމަތް ނުވެވޭނެއެވެ. މަރު އައިސް ތިބާއާ ބައްދަލުކުރާނެ ވަގުތެއް ނޭނގޭނެއެވެ. ކުރިއަށް އޮތް ބައި ގަޑި އިރު ތެރޭ ތިބާ ދިރިހުންނާނެ ކަަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތް ހެއްޔެވެ؟

ޔާ ﷲ. އަޅަމެންނަކީ ފާފަތަކުން ތަޢުބާވެ އެނބުރި އެފާފަތަކަށް އަރައިނުގަންނަ ބަޔަކު ކަމުގައި ލައްވާނދޭވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!