އެމެރިކާ ދުނިޔެ

އެއާފޯސް އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިޑަން ސްޓޭޖަށް ވެއްޓިވަޑައިގެންފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ ޔޫއެސް އެއާފޯސް އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ޑިޕްލޮމާ ހަވާލުކުރަމުން ދަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސްޓޭޖް މައްޗައް ވެއްޓިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުން ރައީސް ބައިޑެން ވެއްޓިވަޑައިގެންނެވީ ސްޓޭޖް މަތީގައި ހުރި ވެލި ބަސްތާއެއްގައި ޖެހުމުގެ ސަބަބުންނެވެ. އިއްޔެ ހިނގި މިހާދިސާގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ވިދާޅުވެފައިވާގޮތުގައި ދަސްވެނިވި ދަރިވަރުންނާއި އެމަނިކުފާނު ސަލާމް ކުރައްވަމުން ވަޑައިގެންނެވި އިރު ސްޓޭޖް މަތީގައި ކަޅުކުލައިގެ ވެލި ބަސްތާތަކެއް ހުއްޓެވެ. އަދި އެމަނިކުފާނު ވެއްޓުމާއެކު އޮފިސަރުންވަނީ ވަގުތުން އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

"އައި ގޮޓް އަ ސޭންޑް ބޭގް " އެދުވަހު ހަވީރު ވައިޓް ހައުސްއަށް ވަޑައިގަތުމަށްފަހު ހިނިތުންވެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ހުންނެވި ރައީސް ބައިޑެން ވިދާޅުވިއެވެ.

އުމުރުފުޅުން 80 އަހަރުގައި އެ ގައުމުގެ އެންމެ ދުވަސްވީ ރައީސްގެ ލަގަބު ލިބިވަޑައިގެން ހުންނެވި ރައީސް ބައިޑަން ވަނީ ދަސްވެނިވި 921 ކެޑޭޓުންގެ ތެރެއިން ކޮންމެ ކެޑޭޓަކާ ސަލާމް ކުރައްވަން ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން ކޮޅަށް ހުންނަވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!