ޝައްކު ކުރައްވާނެ ކަމެއް ނެތް، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް އެންމެ މަދުވެގެން 75 ޕަސެންޓު ވޯޓު ލިބޭނެ: ޝަރީފް
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް 75 އިންސައްތަ ވޯޓު ލިބޭނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ރައީސް ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް މިދާޅުވީ މިއީ ރައީސް ޞާލިޙްގެ ތަސައްވުރުގެ ފެށުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ވޭތުވެދިޔަ 50 އަހަރުގައިވެސް ރައީސް ޞާލިޙް ފަދައިން ވެރިކަން ކުރެއްވި ބޭފުޅަކު ފެނިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދުނު ކޮންމެ ކަމެއް ރައީސް ޞާލިޙް ފުއްދާފައިވާ ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މަދުވެގެން 75 ޕަސެންޓު ތާއީދާއި ވޯތު ރައީސް ޞާލިޙަށް ލިބިގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން މިތިބީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މަދުވެގެން 75 ޕަސެންޓު ތާއީދު، އެ ވޯޓު ދޭން. ދޭނަން އިރާދަކުރެއްވިއްޔާ. ޝައްކެއް ކުރައްވާނެ ކަމެއް ނެތް” ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދީ، މިދިޔަ 50 އަހަރު ދެކެމުންދައި ހުވަފެން ހަގީޤަތަކަށް ހައްދަވައިދެއްވާފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.