އޭޖީގެ އިތުބާރު ނެތް މައްސަލަ: މަޖިލިސް ހޫނުވެ، މެދުކަނޑައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ދަޢުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށް މަޖިލިސް މެދުކަނޑައިލައިފިއެވެ.
މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރިފްޢަތު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ.
އެހެންނަމަވެސް، ޖަލްސާގެ އެޖެންޑާ އިޢުލާނުކުރުމާއެކު، އިދިކޮޅު މެމްބަރުންވަނީ ގޮނޑިން ތެދުވެވަޑައިގެން އަޑު ގަދަ ކުރައްވައިފައެވެ.
ރިޔާސަތުން އެދިވަޑައިގަތީ، މިއަދުގެ ޖަލްސާއަށް މައްސަލަ އަލުން އެޖެންޑާ ކޮށްފައި އޮތުމުން، އަލުން މައްސަލަ ހުށަހެޅުއްވުމަށެވެ.
އެހެންނަމަވެސް އެމައްސަލައަކީ މަޖިލީހަށް ކުރިން ހުށަހަޅުއްވާފައިވާ މައްސަލައެއްކަމަށް ވިދާޅުވެ، މައްސަލަ އަލުން ހުށައެޅުއްވުމުގެ ކުރިން، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ ބަންޑާރަނައިބާ ސުވާލު ކުރައްވައިފައެވެ. އެހެންނަމަވެސް ރިޔާސަތުން ވަނީ މައްސަލަ ހުށަހެޅުވުމަށްފަހު ސުވާލު ކުރެއްވުމަށް އެދިވަޑައިގެން، ތަކުރާރުކޮށް މައްސަލަ ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވައިފައެވެ.
އެއާއެކު ގިނަ މެމްބަރުން، ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގައި އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.
13 މެމްބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލައިގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި, ރާއްޖޭގެ ވަކީލެއްގެ ގޮތުގައި ރިފްޢަތު މަސައްކަތް ކުރައްވައިފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްނުކުރައްވައެވެ.