މޭރީގެ މަރު: ލަމްހާގެ ބަންދަށް ލުޔެއް ނުދިން
އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ބަންދުގެ ލުޔެއް ދެވެން ނެތް ކަމަށް ކަނޑައަޅައިފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ލަމްހާގެ މައްޗަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ އިތުރުން ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
އޭގެތެރެއިން ، މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އިއްވުމުން ދިފާއުން ބުނީ މި މައްސަލައިގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ހާދިސާ ހިނގި އިރު އެޕާޓްމަންޓްތެރޭ ހުރި ކަމަށް ބުނާ ކުޑަ އަންހެން ދަރިފުޅުގެ ވާހަކަ ކަމަށެވެ. އެ ކުއްޖާއަކީ މޭރީއާއި އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން ވާގަސްގެ ދަރިފުޅެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ސަބަބަށް ބަދަލެއް ނާންނަ ކަމަށާއި އަދި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ 50 ހެކިންގެ ހެކިބަސް ނަގަން އޮތްއިރު އެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.