އީވާގެ މައްސަލަ އެޖެންޑާނުކޮށް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެ: އަސްލަމް
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާނުކޮށް، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވަނިކޮށް ދެން މަޖިލީހުގެ އެއްވެސް ކަމެއް ކުރެވޭނީ އެ ކަމެއް ނިންމެވުމަށް ފަހު ކަމަށެވެ.
”އެހެންވީމާ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ އެއްވެސް ކަމެއް ކުރައްވަން ވާނީ އެ ކަން ނިންމެވުމަށް ފަހު” އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ދާއިމީ ކޮމިޓީތަކަކީ ދާއިމަށް ދެމިގެންވާ ކޮމިޓީތަކެއް ކަމަށާއި ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރުމަކީ ކޮމިޓީގެ މަސައްކަތް ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ.
“މަޖިލީހުގެ ރައީސް އެންގެވި ކަމުގައި ވިޔަސް ކޮމިޓީތައް ހުއްޓިގެން ދާނެ ޖާގައެއް ގަވާއިދުން ނުލިބޭ. މަޖިލީހުގެ ރައީސް އެފަދަ އަމުރެއް ނެރުމުގެ ޖާގަ ވެސް މަޖިލީހުގެ ގަވާއިދުން ނުލިބޭ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވާ އީވާގެ އިތުބާރުގެ މައްސަލަ މުއްދަތެއް ނެތްގޮތަށް ފަސްކުރުމާއި ގުޅިގެންނެވެ. އީވާގެ މައްސަލަ ފަސްވެފައިވަނީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލާ ނުނިންމޭތީ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
މަޖިލީހުން ބުނިގޮތުގައި އީވާގެ މައްސަލަ އެޖެންޑާނުކުރަން ނިންމީ މަޖިލިހުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ އަދަދަށް އައި ބަދަލަށް ފަހު ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ދެން ތިބޭނެ ގޮތް އަދިވެސް ފާސްނުވާތީ ކަމަށެވެ.
މަޖިލީހުން އިތުރަށް ބުނިގޮތުގައި ދެން މިމައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް އިއުލާނުކުރާނީ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިމައްސަލައާއި ގުޅިގެން ބަަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުންނެވެ.