ޚަބަރު

ފުއްގިރި މައްސަލައިގައި ކޮމިޝަން ނުލިބޭތީ ރައީސް ޔާމީންގެ އެދުމުގެ މަތިން އެއްބަސްވުން ފަސްކުރިން: އަދީބް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކްލެސިކް ސިޓީ ހޯލްޑިންއަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން، އެ ޑީލްގައި ކޮމިޝަން ނުލިބޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތުމުން އެތައް ފަހަރަކު ފަސްކުރި ކަމަށާއި އެއްބަސްވުމަކަށް އައިސްފައިވަނީ ކޮމިޝަން ލިބޭނެކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

Ads by MWSC

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ހަތަރު ފަރާތެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި, އަހުމަދު ކްރިކް ރިޒާއަށް ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި ސަން ކޮންސްޓަރަކްޝަންއަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި, ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ފުއްގިރި މައްސަލާގައި އިއްޔެ އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. ހަތަރު މީހެއްގެ ހެކިބަސް ނަގަން އިއްޔެއަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އިއްޔެގެ އަޑުއެހުން ދިގުލައިގެން ދިއުމާ ގުޅިގެން އެ އަޑުއެހުމުގައި ނެގުނީ ދެ މީހުންގެ ހެކިބަހެވެ. އެއީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަހެވެ.

އިއްޔެގެ ޝަރީއަތުގައި ފުއްގިރި މުއާމަލާތާ ގުޅޭ ގޮތުން އަދީބު ވިދާޅުވީ އެ ކަމުގައި ފުރަތަމަ އޭނާއާ ވާހަކަދެއްކެވީ ރައީސް ޔާމީންއާ ކަމަށެވެ. އަދި އެ ރަށް ކުއްޔަށް ހިފަން ބޭނުންވާ އިންޑިއާގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންތަކެއް އަންނާނެ ކަމަށާއި 2.5 މިލިއަން ޑޮލަރަށް އެ ރަށް އެ މީހުންނަށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔާމީން އެންގެވި ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު 2.5 މިލިއަން ޑޮލަރަށް އެ ރަށް ދޫކުރަން ކްލެސިކް ސިޓީ ކުންފުންޏާ މަޝްވަރާކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ވެސް ހުށަހެޅި ކަމަށް އަދީބު ވިދާޅުވިއެވެ.

އިންޑިއާގެ އެ މީހުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބް ވިދާޅުވިއެވެ, އިބްރާހިމް ރަޝީދު އެ ބައްދަލުވުމުގައި އިންނެވީ އިންޑިއާ މީހުންގެ މަންދޫބެއްގެ ގޮތުންނެވެ.

2.5 މިލިޔަން ޑޮލަރަށް ރަށް ނެގުމަށް އަނގަބަހުން އެއްބަސްވެފައި އޮއްވާ, ކުންފުނީގެ ފަރާތުން އަހުމަދު ކްރިކް ރިޒާ، ޒިޔަތުއާ ބައްދަލުކުރައްވައި ހަތަރު ލައްކަ ޑޮލަރަށް އަގު ތިރި ކުރެއްވުމަށް އެދިވަޑައިގަތް ކަން މެސެޖް ކުރައްވައި ޒިޔަތު ދެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ.

ނަމަވެސް, ރ. އަތޮޅުގެ އެހެން ރަށްރަށް ފަސް މިލިއަން ޑޮލަރާ ގާތް ކުރާ އަގުތަކަށް ދޫކޮށްފައިވާތީ ހަތަރު ލައްކަ ޑޮލަރު މާ ބޮޑަށް ވެސް ކުޑަވާނެތީ، އެ އަގުގައި ދޫކުރުމަށް އެމްއެމްޕީއާރުސީން ތައްޔާރުކުރި ސިޓީއެއް ވެސް ނުފޮނުވައި އަދީބު ހިފެހެއްޓެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަގާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާކުރެއްވުމުން، އަގު ތިރިކޮށްގެން މެނުވީ އެމަނިކުފާނަށް ލިބެން އޮތް ކޮމިޝަން ބޮޑު ކުރެވޭނެ ގޮތެއް ނެތް ކަމަށް ޔާމީން އެންގެވި ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ, ރައީސް ޔާމީން އަންގަވައިގެން އެއްބަސްވުމުގައި ސޮއިކުރުން ދެ ފަހަރެއްގެ މަތިން ފަސްކުރި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި, ސޮއިކުރުމަށް އެންމެ ފަހުން ނިންމުނު ދުވަހުގެ ހެނދުނު ސޮއިކުރުމަށް އޮތް ނަމަވެސް ސޮއިކުރެވުނީ އެ ދުވަހުގެ މެންދުރުފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ދިހައެއް ޖެހީއްސުރެން އަޅުގަނޑުމެން ތިބިން، އެކަމަކު ރައީސް ޔާމީން އެންގެވީ، ކޮމިޝަން ޕޭމަންޓްގެ ކޮންފަމޭޝަނެއް ކްރިކް ދެއްވާނެއޭ، ދެއްވީމައޭ ސޮއިކުރައްވާނީ، ކްރިކް އެ ކޮންފަމޭޝަން ދީފިއޭ، އެ ކަން ރައީސް ޔާމީން އެންގެވުމުން އެ ދުވަހު މެންދުރުފަހު ސޮއިކުރެއްވުނީ،" އަދީބު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!