މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ސަރުކާރާ ދެކޮޅު މެންބަރުން ރިޔާސަތައް ހުރަސް އަޅެމުން، މަޝްވަރާއަށް ޖަލްސާ މެދު ކަނޑާލައިފިއެވެ.
މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ މިދަނޑިވަޅުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.
އާޒިމްގެ ނިޒާމީ ނިކުތާއާއިއެކު މަޖިލީހުގައި އަޑުގަދަވެ، އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ވާނީ ގަވާއިދާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި މެމްބަރުންގެ ނިޒާމީނުކުތާތަކާއި އަޑުގަދަ ކުރުންތަކާއިއެކު މަޖިލީހުގެ ރިޔާސަތުން ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކައި މަޝްވަރާ ކުރައްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.
އެހެންކަމުން އުފެދުނު ހިިޔާލުތަފާތުވުން ތަކާއެކު މަޖިލިސް ކުރިއަށް ގެންދިިޔުމަށް ދަތިވެ މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.