އަލީ ވަހީދުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމުމަކީ ދިން ހިތްވަރެއް: އެމްއާރުއެމް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާއި ރޭޕްކުރުމުގެ ހަތް ދައުވާ އަނބުރާ ގެންދިއުމަކީ އެފަދަ ކުށްތައް ކުރާ މީހުންނަށް ދިން އިތުރު ހިތްވަރެއް ކަމަށް ބުނެ އެމްއާރްއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.
މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުން ދައުވާތައް ކުރިއަސް ނުގެންދެވިގެން ކްރިމިނަލް ކޯޓުން އެ ދައިވާތައް އަލުން އަނބުރާ ޕީޖީ އަށް ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ޕީޖީ ވަނީ ފަހުން ދައުވާ ކުރާނެ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ފޮނުވާލާފައެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އަލީ ވަހީދު ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކުރެވޭނެ ގޮތްނުވެގެން އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭގޮތް ވުމުން އަލުން ހުށަހެޅުމަށް ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
އަދި އެ މައްސަލައިގައި ހެކިބަސް ދޭންތިބި ގިނަ ފަރާތްތަކަކުން ބަޔާން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އަދި އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ނުލައި މައްސަލަ ސާބިތު ކުރެވޭނެ މަގެއް ނެތްކަމަށް ޕީޖީން ބުންޏެވެ.
މިކަމާއި ގުޅިގެން އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީޢަތުގެ މަރުޙަލާ ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިވެ، މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާ ކަމެއް ކަމަށެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމާއި، ހުއްދަ ނޫން ޖިންސީ މުއާމަލާތްތައް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
އަދި މިމައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް އިތުރު ނިކަމެތި ކަމެއް ލިބިގެންދާނެ ކަމަށާއި، އެއީ އެފަދަ ޢަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
މީގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމްއާރްއެމުން ބުންޏެވެ.
އެމްއާރްއެމުން ވަނީ އިންސާފު ލިބުމުގައި ޚާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަފައެވެ.