ޚަބަރު

ވެންޓިލޭޓަރުތައް ގަތުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ސްޓޭޓް މިނިސްޓަރު ޝާހު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގަތުމަށް ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ހިންގި މުއާމަލާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވެއްޖެ އެވެ.

Ads by MWSC
ކޮވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެން ޝާހު ވަނީ ސަސްޕެންޑު ކޮށްފައެވެ.

އެކަމާ ގުޅިގެން ޑރ. ޝާހް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހިނގަމުންދާ ތަހުގީގު ނިމެންދެން އޭނާ ގޭގާއި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީނަމަވެސް، ޑުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއިން ނިންމާފައިވާ ނިންމުމުގައި، އެއްވެސް މަރުހަލާއެއްގައި، އެއްވެސް މިންވަރަކަށް އޭނާގެ ބައިވެރިވުން ބިޑު ކޮމިޓީގެ ހައިސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ހިމެނިފައި ނުވާނެ ކަމަށެވެ. އަދި ޑުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ދިނުމަށް ނިންމި ބިޑު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއިންނާއި ލިޔެކިއުންތަކުން މިކަން ސާފުކޮށް އެނގެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ.ޝާހް ވިދާޅުވީ ޑުބާއި ކުންފުނިން 10 ވެންޓިލޭޓަރު ހެލްތް މިނިސްޓްރީ އަށް ލިބުމުން، މިނިސްޓްރީގެ ބަޔޯ މެޑިކަލް ޓީމުން އެ ވެންޓިލޭޓަރުތައް ކަމުނުދާ ކަމަށާއި، އެއްބަސްވުމުގައި ބުނެފައިވާ ގޮތާއި ހިލާފަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއް ކަމަށްބުނެ، އޭނާ އަށް އެތަކެތި ދައްކާ މަޢުލޫމާތު ދިނުމުން، އެ ވެންޓިލޭޓަރުތައް ބެލުމަށްފަހު، ވެންޓިލޭޓަރުތައް އެއްވެސް ގޮތަކަށް ބަލައިގަނެވިގެން ނުވާނެކަމާއި، ޝަރުތު ހަމަނުވާކަމާއި، މިކަމުގެ ކަންބޮޑުވުން ހެލްތު މިނިސްޓަރާއި ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިނިސްޓަރުގެ އިތުރުން ވެސް ސަރުކާރުގެ ކަމާބެހޭ އިސްފަރާތްތަކަށް ވެސް މިކަމާއި ގުޅިގެން އެހިނދުން އެހިނދަށް މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް ޑރ.ޝާހް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ސްޓޭޓް މިނިސްޓަރ އޮފް ހެލްތުގެ ހައިސިއްޔަތުން، އަދި މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން، ދިވެހިރައްޔިތުންނާއި ޤައުމަށް އޭނާގެ ޚިދުމަތް އިންތިހާއަށް ލިބިދެވޭނެ އަދި ދިނުމަށް ބުރަކޮށް މަސައްކަތްކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ވެންޓިލޭޓަރު ތަކާއި ގުޅިގެން ހިނގަމުންދާ ތަހުގީގު ނިމެންދެން ގޭގާއި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި މެދު ނިހާޔަތަށް ހިތާމަކުރާކަމަށް ވެސް ޑރ.ޝާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިނގަމުންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!