ކުރިން ވިސާ ނެގުމަކާ ނުލާ އެމެރިކާއަށް ދެވޭ ގޮތް ހަދަން މަޝްވަރާކޮށްފި
ދިވެހިންނަށް ވިސާއާ ނުލައި އެމެރިކާއަށް ދެވޭގޮތް ހަދަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށްދިޔައީ އެމެރިކާގެ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ޓަކައި ޝާހިދު އެ ގައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ ވިސާ މާފުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަ ވާކަމަށް ވިދާޅުވެފަ އެވެ. ބްލިންކެން ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ރަނގަޅު ގުޅުމެއް އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވިސާ ދިނުމުގެ އުސޫލަށް ގެނެވެން ހުރި ބަދަލުތައް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ރާއްޖެއިން ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމުގައި ސަރަހައްދީ ގޮތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އެ މަސައްކަތަށް ވެސް ތައުރީފު ކުރައްވާފަ އެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ފަރާތުން ފެނިގެންދާ ލީޑަޝިޕަށް ވެސް ބްލިންކެން ތައުރީފު ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ އެމެރިކާގެ ޔުނިވާސިޓީތަކުން ރާއްޖެ އަށް ތައުލީމީ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.