ރައީީސްގެ ދެކަނބަލުން ތޮއްޑޫ ރައްޔިތުންނާއެކު ޢީދު ފާހަގަކުރައްވައިފި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި ބައިވެރިވެވަޑައިގެންފިއެވެ.
ތޮއްޑުއަށް ވަޑައިގެންނެވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި ތޮއްޑޫ ގެ ކަނބަލުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްޞަ ޘަޤާފީ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ފަރިއްކޮޅުގެ ފަހުން ރައީސް ޞާލިޙު ވަނީ ތޮއްޑޫގެ ކަނބަލުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ ވޮލީ ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި ވޮލީ ކޯޓްއެޅުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ރައީސް ވަނީ އެކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ތޮއްޑޫއިން ފުރާ ވަޑައިގެންނެވުމުގެ ކުރިން ރައީސްގެ ދެ ކަނބަލުން ވަނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮންޕެނީއަށް ޒިޔާރަތްކުރައްވާފައެވެ.
އަދި ރައީސް ޞާލިޙު ވަނީ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުވާލައްވާފައެވެ.