ދިއްލީގައި ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަނީ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަކީ އެގައުމުން ކޮވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސިޓީއެވެ. ދިއްލީގައި މިހާރު ކޮވިޑް ގެ ކޭސްތައް މަދުވާން ފަށާފައިވާ ނަމަވެސް އިތުރު މައްސަލައެއް މިވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައެވެ.
އެގޮތުން ދިއްލީގެ ބައެއް ހޮސްޕިޓަލުތަކުން ވަނީ ދެވަނަ ފަހަރަށް ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ގިނަ ވަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި މަހުގެ ކުރީކޮޅު ވެސް ކުރިން ކޮވިޑް ޖެހުނު ތިން މީހަކަށް އަލުން އެ ބަލި ޖެހުނު ކަމަށް ދިއްލީގެ ސަރުކާރު ދެ ހޮސްޕިޓަލަކުން ވަނީ ހާމަ ކޮށްފައެވެ. އަދި މި މީހުންނަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވަނީ ބަލިން ރަނގަޅުވިތާ ދޮޅު މަސް ވެފައިވަނިކޮށް ކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. މި ހުރިހާ ކޭސްތަކުގައި ވެސް ބަލި މީހުންގެ ފަރާތުން ކުދި އަލާމާތްތައް ފެނިފައިވާއިރު، ހާލަތު މާ ސީރިއަސް ވެފައެއް ނުވެއެވެ.
މީގެ އިތުރުން ދިއްލީ އިން ވަނީ ކޮވިޑް19 ޖެހުމަށް ފަހު ރަނގަޅުވެފައި ހުރި ކެންސަރު ބަލީގެ މީހަކު ވެސް ދެވަނަ ފަހަރަށް ބަލި ޖެހިފައެވެ. މި މީހާ އަށް ބަލި ޖެހިފައިވަނީ ފުރަތަމަ ފަހަރު ބަލި ޖެހުމަށް ފަހު ތިން މަސްވެފައި ވަނިކޮށެވެ.
ދިއްލީ އިން ދެވަނަ ފަހަރަށް ބަލި ޖެހޭ މީހުނަށް ބަލި ޖެހެނީ އެވްރެޖުކޮށް 40 ދުވަހަށް ފަހުގައި ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.