އަންނަ ހޯމަ ދުވަހު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމި ޗުއްޓީއަށް ގޮސްފައިވާއިރު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
މިއީ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ދެވަނަ ޖަލްސާ އެވެ. ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެދުނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީންނެވެ.
ދައުރު ނިންމައިލުމުގެ ގޮތުން ބޭއްވި ފަހު ޖަލްސާގައި އެމްޑީޕީން ވަނީ ދައުރު ދަންމައިލަންވެސް އެދިފަ އެވެ. އެހެންނަމަވެސް އެކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އިޖާބައެއް ނުދެއްވި އެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދުނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތަށާއި އެހެންވެސް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.
ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާ އޮތީ މިދިޔަ ހޯމަ ދުވަހު އެވެ. އެދުވަހުގެ ޖަލްސާ ބޭއްވިނަމަވެސް މަސައްކަތެއް ކުރިއަށް ނުގެންދެވުނީ ރައީސް ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިދިޔަ މަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ ދާއިމީ ކޮމިޓީތައް އެކުލަވައިލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭތީ އެވެ.
މަޖިލީހަށް ހުށަހެޅި ނުނިމި ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީން ހުށަހަޅާފައިވާ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަވެސް ހިމެނެ އެވެ. އެމްޑީޕީން ހުށަހެޅީ އެމައްސަލަތައް ނިމެންދެން ދައުރު ދަންމައިލުމަށެވެ.