ޚިޔާލު

ހަމަ އެއްގަލަކަށް އަރާފާނެތަ؟ ނޫނީ އެރީތަ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބަށް ދެ މަހެއްހާ ދުވަސް އޮތްއިރު, ރާއްޖޭގެ ސިޔާސީ މަޝްރަޙް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރިޔާސީ ކުޅިބައި އަނެއްކާ ވެސް އަތުލާރަން ޖެހިފައެވެ. ދައުލަތުލް މަހާދީބިއްޔާގެ ރައީސްކަމުގެ ތަޚުތުގައި އިށީންނުމަށް ހޮޅި ވާހަކަތަކާއި, ގަދަ ވާހަކަތައް ދައްކަން ފަށައިފިއެވެ. އެކި ކަންތައްތައް ކުރުމަށް ކޮންމެ ލީޑަރަކުވެސް ވަޢުދުވަމުން އަންނަ އިރު, ފައިދާވާނެ ކޮންމެ ދިމާއަކަށް ބޯބާނާ, ކުރެވުނު ކޮންމެ ކަމެއް އަންނަނީ ކުރަމުންނެވެ. އިއްޔެ ރޯނު އެދުރުންނަށް ގޮވި މީހުން މިއަދު މޮޅު ހާކިމުންނަށް ވެއްޖެއެވެ. ތެދަށް ދަންނަވާނަމަ އެއްވެސް ބޭފުޅަކު ހުރީ ދޫދޭގޮތަކަށް ނޫނެވެ.

ކަން މިހެން އޮތްއިރު ރާއްޖޭގެ ސިޔާސީ މައިދާނުން ފަހަކަށް އައިސް ބޮޑު ބަދަލުތަކެއް ދަނީ ފެންނަމުންނެވެ. ބައެއް ސިޔާސީ ބޭފުޅުން ސިފަކުރާގޮތުގައި މި ދުވަސްވަރުގެ މޫސުމަކީ ބަރޯސާވާން ދަތި، އަވަސް އަވަހަށް ބަދަލުވާ ވަހުތާނެކެވެ. ރިޔާސީ އިންތިހާބަށް ދެން އޮތީ ގާތްގަޑަކަށް ދެ މަސް ދުވަހެވެ. ޕާޓީތަކުން ވަކިވުމާއި، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމާއި, އެއްކޮށް މަސައްކަތް ނުކުރާނެ ކަމަށް ކުރިން ވިދާޅުވެފައިވާ ބޭފުޅުންނާ އެކު މަސައްކަތް ކުރުމާއި އާ ފިކުރުތައް އުފެއްދުމުގެ ސަގާފަތަކީ މި ދުވަސްވަރު އާންމުކޮށް ފެންނަ ކަމެކެވެ. މިތުރުން ހަތުރުންނަށްވެ, ހަތުރުން މިތުރުންނަށް ވަނީއެވެ.

ފަހަކަށް އައިސް ސިޔާސީގޮތުން ކުރިން ހަތުރުން ކަމުގައިވާ ނަން މަޝްހޫރު ފަރާތްތައް ކޮޑާއި ކޮޑު ޖައްސައިގެން ތިބޭތަން އެބަފެނެއެވެ.

2018ގެ މަންޒަރުތައް އަނެއްކާ ވެސް ފެންނަ ކަހަލައެވެ. އެމްޑީޕީގެ މައި ހަރުގޭގައި, ރައީސް މައުމޫންގެ "ތިޔައީ ޒައީމޭ" ޖެހިމަންޒަރު ވެސް ރާއްޖޭގެ ސިޔާސީ މަޝްރަޙުން ފެނިގެން ދިޔަ ތާއެވެ. އެހެންކަމުން މިއަދު ފެންނަމުން މިދާ މަންޒަރުތަކުން މާބޮޑު ހައިރާންކަމެއް ނުގެނުވައެވެ.

ދާދި މިދާކަށްދުވަހު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަކިވެ, އާ ސިޔާސީ ޕާޓީއެއް އުފެއްދެވި ރައީސް ނަޝީދު އެމްޑީޕީގެ ސިޔާސީ އެންމެ ބޮޑު ހަތުރުން ކަމަށްވާ އިދިކޮޅު ފީފީއެމް/ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ މަންޒަރު ފެނިގެން އެބަދެއެވެ. އެކަނި ރިޔާސީ ރޭހަށް ނިކުމެ ރައީސް ޞާލިޙް ބަލިކޮށް ނުލެވޭނެކަމުގެ ބިރު އޮތުމުން ކަމަށްވެސް ވެދާނެއެވެ. މިކަމަކީ ބައެއް ފަރާތްތަކަށް ބަލައިގަންނަން އަދި ޤަބޫލުކުރަން ވަރަށް ވެސް ދަތި ކަމެކެވެ. ސަބަބަކީ މިވީހާތަނަށް ސިޔާސީ ވެރިޔަކު ޕާޓީ ބަދަލު ކުރި ކުރުމަކުން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް ކަމެވެ.

މިނިމުނީއެއް ނޫނެވެ. ވެރިކަމުގައި މިހާރު ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރައީސް ނަޝީދުގެ ޒަމާންވީ އެކުވެރިކަމުގެ ވާހަކަ ދައްކާލަމާ ހިންގާށެވެ. އަބަދުވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެ ދެ ބޭފުޅުންނަކީ އެންމެ ކުޑައިރުން ފަށައިގެން ވެސް ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙް ވެރިކަމަށް އައިތާ މާ ގިނަ ދުވަހެއް ނުވެ, ރަހުމަތްތެރިކަމުގައި ރެނދުލާން ފެށީއެވެ. ސަބަބަކަށްވީ ރައީސް ނަޝީދު ބޭނުންފުޅުވާ ބައެއް ކަންތައްތައް ކުރެއްވުމުގައި ރައީސް ޞާލިޙްގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބުމެވެ.

"މި އޮޑިއެއް ނުފެތޭނެ، މިއީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއް" މިއީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަބަދުވެސް ގެންގުޅުއްވާ ތަސައްވުރެވެ. ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮތަސް، ސަރުކާރު ޒިންމާދާރުކުރުވާނީވެސް ހަމަ އެ މަޖިލީހުން ކަމަށެވެ.

އެހެނަސް ބޮޑު މަންޒަރަށް ބަލާލުމުން ފެނިގެންދިޔައީ މުޅީން އެހެން ކަމެކެވެ. ފެނިގެން ދިޔައީ އެމްޑީޕީ އަދި ސަރުކާރުގެ ތެރެއިން، ދެ ރައީސުންގެ "ފެކްޝަންތަކެއް" އުފެދެން ފެށި މަންޒަރެވެ. މި ފެކްޝަންތަކުގެ ކޯޅުންތައް އެކި ސިފަތަކުގައި ފެންނަމުން ގޮސް، މިހާރު މިވަނީ މުޅިން ބައިބައިވެފައެވެ. ސިޔާސީ މަސްރަހަށް ފަހުން މި އައި ބަދަލާއެކު, ރައީސް ނަޝީދުގެ "ރާޒުވާ ކުޅިބައި" އެއްކޮށް ބަދަލުކޮށްލައިފިއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އެންމެންވެސް ބުނަމުންދާ އެއް ވާހަކައަކީ މިހާރުގެ ވެރިކަން ވައްޓާލުމަށް އެކަތިގަނޑަކަށް ވާނެ ކަމެވެ. އެމްޑީޕީން ފެޔަށްޖެހި ވަކި ޕާޓީއެއް އުފައްދައިގެން ނިކުމެ، ތިމާމެންގެ ދުޝްމިނުންކަމުގައި ޒަމާނުންސުރެ ދެކެމުންއައި ޕީޕީއެމްއާއި އެއްކޮށް މިހާރު މަސައްކަތް ކުރަމުންދާ ރައީސް ނަޝީދު ވިދާޅުވަނީ އެންމެ ބުއްދިވެރިވާނީ ޖަލުގައި ހުންނެވި އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން އާއި ދެމީހުން ވެރިކަމަށް ކުރިމަތި ނުލައި އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ޕީޕީއެމުން ބުނަމުން އަންނަނީ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެ ޕާޓީން ރިޔާސީ އިންތިހާބު އެއް ބުރުން ރައީސް ޔާމީން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބަދެއެވެ. ރައީސް ނަޝީދުގެ އައު ޕާޓީ, ޑިމޮކްރެޓުން ބުނަނީ އެކަން ކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ. އެއް ގޮޑިއަށް މި ދެ ބޭފުޅުން ފިޓްވާނީ ވާނީ ކިހިނެތްތޯއެވެ. ދެ ޕާޓީން ބުނާ އެއް ވާހަކަ އަކީ އެކުގައި މަސައްކަތް ކުރައްވަނީ ރައީސް ޞާލިޙް ވެރިކަމުން ބޭލުމަށް ކަމަށެވެ.

ކަން މިހެން އޮތް އިރު, ރައްޔިތުންގެ މެދުގައި މިހާރު ސުވާލު އުފެދޭ އެންމެ މުހިންމު ކަމަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ކޮން ކެނޑިޑޭޓެއް ކަމާމެދުއެވެ.

ތެލާއި ފެން ކަމުގައި ގިނަ ބަޔަކު ބުނަމުން އަންނަ ޕީޕީއެމް އަދި އެމްޑީޕީ އެކުވެދާނެ ހެއްޔެވެ؟ ނޫނީ މިއީ ރައީސް ޞާލިޙަށް ޕްރެޝަރު ކުރަން ދައްކާ ވާހަކަތަކެއް ހެއްޔެވެ؟ އެބުނާ ކޯލިޝަން އެއް ކެނޑިޑޭޓެއް ހަމަ ނެރެވިދާނެ ހެއްޔެވެ؟ ނޫނީ އެ ވާހަކަތައް ވެގެންދާނީ ހަމަ ޖަމަލުގެ ފޮޑިއަކަށް ހެއްޔެވެ؟

ކޮންމެޔަކަސް އިނގޭ ކަމަކީ ސިޔާސީ ޕާޓިތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާނޭ ކެންޑިޑޭޓުން ތަކެއް ނަން އިޢުލާނުވެސް ކުރައްވައިފި ކަމެވެ. ބައެއްބޭފުޅުން ކެމްޕޭނު ކުރައްވަންވެސް ފައްޓަވައިފިއެވެ. މާ ފޯރީގައި އަދި ކެމްޕެއިން ކުރިޔަށް ނުދިޔައެއް ކަމަކު މިހާރު މިދަނީ ކުލަ ޖެހެމުންނެވެ.

ކޮންމެގައުމެއްގައި ވެސް ހަރުދަނާ ސަރުކާރެއް އޮތުމަކީ، އެންމެ ބޭނުންތެރިކަމެވެ. ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ރައްޔިތުންނުކުމެ ވޯޓުލައިގެން އިންތިޚާބުކުރާ ރައީސެއްގެ މައްޗަށް ލާޒިމުކުރާ އެންމެވަރުގަދަ ބިންގަލަކީ ގާނޫނީ ސަރުކާރެއް ގައިމުކުރުމެވެ. ކަން މިހެން ހުރި ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަފަރާތުގެ އުދަރެހަށް ބެއްޔަސް ފެންނަނީ ކިތަންމެހާވެސް ކިލަނބުކޮށް ކަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!