ފައްޔާޒް ވިދާޅުވީ, އެމްޑީޕީގެ އޮޑީގައި ގަދަ އިންޖީނެއް އަޅާފައިވާ ކަމަށާއި, އޮޑި ނުފެތޭނެ ކަމަށް
އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އަދި އަޒުމެއް ވެސް ނުގުޑާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫގައި މިރޭ ކުރިއަށްދިޔަ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ "އަމާން ރާއްޖެ" އަކަށް އެމްޑީޕީން ފެށި ދަތުރުގައި ހުރިހާ އެންމެން ވެސް ތިބީ ވަރަށް ގަދަކޮށް ކަމަށާއި އޮޑި އޮތީ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރަށް ވަރުގަދަ އިންޖީނު އަޅާލާފައި ކަމަށެވެ.
މިއީ ރައްޔިތުންނަށް ހަމަ ނޭވާލާނެ ފުރުސަތު ހޯދައިދެވުނު ފަސް އަހަރު ކަމަށާއި ދެން ނައްޓާލަނީ "އަމާން ރާއްޖެއެއް" ކަށަވަރު ކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އެންމެ ތަންފުކެއް ވެސް ދޫނުކުރާނެ ކަމަށާއި އަލުން އަނިޔާވެރިކަން އިޔާދަވާނެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދާދި އަވަހަށް އުފާވެރި އަމާން ރާއްޖެއަކަށް އަޅުގަނޑުމެން ބަނދަރު ކުރާނަން. މި އޮޑިއެއް ނުފެތޭނެ، މި އަޒުމެއް ނުގުޑާނެ. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކާމިޔާބު ގިނަ މަސައްކަތްތައް ކުރުމަށްފަހު އަނެއް ފަސް އަހަރަށް ވެސް އެމްޑީޕީން ދަތުރުފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިއާ ހިލާފަށް މިދަތުރުގެ އޮޑި ބަރު ކަމަށާއި، ވާދަވެރިންނަށް އަރާ ހަމަނުކުރެވޭވަރުގެ ބާރު ވަރުގަދަ އިންޖީނެއް އަޅާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފަހަރުގެ މިދަތުރުގެ ތަފާތަކީ ކުރިއާ ހިލާފަށް އަޅުގަނޑުމެން މިތިބީ ވަރަށް ގަދަކޮށް. އަޅުގަނޑުމެން އޮޑިއަށް ވަނީ ކޮއްތާއި ތެލާއި، ފެން އަރުވާ ބަރުކޮށްފައި. އަޅުގަނޑުމެންގެ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭވަރުގެ ބާރު ވަރުގަދަ އިންޖީނު އަޅާލާފައި އަޅުގަނޑުމެންގެ އޮޑީގައި މިއަދު މިފުރަނީ.
ށ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ވަނީ ށ. ކޮމަންޑޫ އާއި މަރޮށި އަދި ނޫމަރާ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
ފައްޔާޒު ވިދާޅުވީ މިސަރުކާރުން ދިވެހި ރައްޔިތުންނަށް ހަމަނޭވާލާނެ ފަސް އަހަރު ހޯދާދީފައިވާ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް ހޯދުމަށް މަސައްކަތް ކުރަނީ ފަސް އެނބުރި ބެލުމެއް ނެތި ކަމަށާއި، އަނިޔާވެރިކަން އިޔާދަ ކުރުމަށް ޖާގަ ދިނުމެއް ނެތި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިދަތުރަކީ ކުރިއަށް އޮތް ފަސް އަހަރަކީ ވެސް އަމާން ރާއްޖެއެއް ހޯދުމަށް ކުރާ ދަތުރަކަށް ހެދުމަށް ކުރާ ދަތުރެއް ކަމަށެވެ.
ރައީސްގެ މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.