ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮމިޓީ އެކުލަވައިލަން އިދިކޮޅުން ހުށައެޅި ހުރިހައި ހުށައެޅުން ބޭރުކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް އައި ބޮޑު ބަދަލާ ގުޅިގެން ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އިދިކޮޅުން ހުށައެޅި ހުރިހައި ހުށައެޅުންވެސް ބޭރުކޮށްލައިފިއެވެ.

Ads by MWSC

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައެވެ. އެހެންނަމަވެސް ކޮމިޓީތައް އެކުލަވާލުމަށްޓަކައި ދައުރުން ބޭރުން ދަނީ ޖަލްސާތައް ބާއްވަމުންނެވެ. މިގޮތުން މިއަދު ކުރިއަށް ދަނީ ދައުރުން ބޭރުން ބާއްވާ ދެ ވަނަ ޖަލްސާއެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށް ދަނީ ކޮމިޓީތައް އެކުލަވައިލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓަށް އިސްލާހު ހުށަހަޅައި ފާސްކުރުމެވެ. އެ ރިޕޯޓަށް ހުށަހެޅި 10 އިސްލާހުގެ ތެރެއިން ނުވަ އިސްލާހެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ވަކި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ވެސް މައި ޕާޓީކަމަށް ވާތީ ކޮމިޓީތަކުގެ މެޖޯރިޓީ އެ ޕާޓީއަށް ނޯންނަ ގޮަތަށް ކޮމިޓީތައް އެކުލަވައިލެވޭނެ ގޮތްތައް ހިމެނޭނެހެން ހުށައެޅި އިސްލާހުތަކަށް ވަކިވަކިން ވޯޓަށް އެހިއިރު ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވި އެމްޑީޕީގެ ހުރިހައި މެމްބަރުން ވެސް ވޯޓް ދެއްވީ އެ އިސްލާހުތަކާ ދެކޮޅަށެވެ. އެހެންވެ އެ ހުރިހާ އިސްލާހުތައް ވެސް ފާސްކުރަން ނުފެންނަ ކަމަށް 34 މެމްބަރަކު ވޯޓް ދެއްވިއެވެ. ފެންނަ ކަމަށް ވޯޓް ދެއްވީ 13 މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އެޕާޓީން ވަކިވުމާ ގުޅިގެން އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައިވާއިރު، އޭގެފަހުން މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމަށް މަޝްވަރާތައް ކުރެވުނު ނަމަވެސް ގޮތެއް އަދި ނިމިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!